ލައިފްސްޓައިލް

ފެނުން އަލާ ނުކެނޑެންޏާ ލުނބޯ ފޮއްޗެއް ވައްޓާލާ!

May 10, 2017

މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމުން ފެން ބޯން ޖެހޭމިންވަރުވެސް ވާނީ އެތައް ގުނައެއް އިތުުރުވެފަ އެވެ. ނަމަވެސް ބައެއް ފަހަރަށް ގިނައިން ފެން ބުއިމަކީ ފަސޭހަ ކަމަކަށް ވެސް އޮންނަނީ ނުވެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބުއިމަކީ ހަމުގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމެކެވެ. ނަމަވެސް އެންމެ ބޮޑަށް ގެއްލުންވާ އެއް ނިޒާމަކީ ހަޖަމް ކުުރުމުގެ ނިޒާމެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުން ކާ އެއްޗެހި ހަޖަމަވުމުގައި މައްސަލަތަކެއް ކުރިމަތިވެ އެވެ. ނަމަވެސް ހުސް ފެން ބުއިމަކީ ބައެއް މީހުނަށް ފަސޭހަ ކަމަކަށް ނުވަނީ އެވެ. ބައެއް ކަހަލަ އިންގްރީޑީއަންޓްސް ފެނުގެ ތެރެއަށް އަޅައިގެން ބޯށެވެ. އޭރަށް ފެން ބޯން ފޫއްސެއް ނުވާނެ އެވެ.

ހަޖަމް ކުރުމުގެ ނިޒާމް ވަރުގަދަ ކުރުމަށް ޖޫސް ބޭނުން ކުުރުމަށްވުރެ މި އިނގްރީޑިއަންޓުތައް ފެނާއެކު ބޭނުން ކުރުން ރަނގަޅު ކަމަށް ސައިންސްވެރިން ބުނެ އެވެ. އެއީ ޖޫހުގައި ގިނަ އަދަދަކަށް ހަކުުރު ހިމެނޭތީ އެވެ.

ފެން ތަށީގެ ތެރެއަށް ލުނބޯ ފޮއްޗެއް ލެވިދާނެ އެވެ. ނުވަތަ ލުނބޯ ހުތް ވެސް އެޅިދާނެ އެވެ. އެއީ ޑައިޖެސްޓިވް އެންޒައިމްސް އުފައްދަން ވެސް އެހީވެދޭ މާއްދާތައް އޭގައި ހިމެނޭތީ އެވެ. އެޕަލް ސައިޑާ ވިނިގާ އަކީވެސް މި ގޮތަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެއީ ހަށިގަނޑުގައި ހުންނަ ވިހަ ބޭރުކޮށް ޕީއެޗް ލެވަލް ބެލެންސް ކުރުމަށްވެސް އެހީވެދޭނެ އެއްޗެކެވެ. ފެން ތަށީގެ ތެރެއަށް މޭޒުމަތީ ސަމްސަލުގެ ދެއެއް ނުވަތަ ތިން ސަމްސާ އެޕަލް ސައިޑަ ވިނިގާ އެޅިދާނެ އެވެ.

މިންޓް ލީވްސް އަކީވެސް ފެން ތައްޓަށް އަޅަން އެންމެ ރަނގަޅު އެއްޗެކެެވެ. އެއީވެސް ޑައިޖެސްޓިވް އެންޒައިމް އުފައްދައިދޭ މާއްދާތައް ހިމެނޭ ފަތެކެވެ. މިންޓް ފަތަކީ ބަނޑަށްވެސް ވަރަށް ފައިދާ ކުރާ އެއްޗެކެވެ. ކިއުކަމްބާވެސް އެންމެ ރަނގަޅުވާނެ އެވެ. އެއީ އޭގައި ގިނަ އަދަދަކަށް ފައިބާ އަދި ފެން ހިމެނޭތީ އެވެ. ފައިބާގެ ސަބަބުން ހަޖަމް ކުރުމަށް ފަސޭހަވެގެން ދާނެ އެވެ. ތުނިކޮށް ކޮށާފައި ދެ ތިން ފޮތި ފެން ތައްޓަށް ލާށެވެ.

ފޮނިތޮށި ކޮޅެއް ފެން ތަށީގެ ތެރެއަށް ލާށެވެ. މިއީ ހަށިގަނޑުގައި ހުންނަ ބޭކާރު ބެކްޓީރިއާތައް މަރާލަންވެސް އެހީވާނެ ކަމެކެވެ.