ހަބަރު

އުރީދޫގެ ހިއްސާ ވިއްކުމުގެ އެހީތެރިޔަކަށް ބީއެމްއެލް

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުމުގެ އެހީތެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެކަމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ބީއެމްއެލް މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. އުރީދޫން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބް ހާނެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އިން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ހިއްސާ ގަނެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ އިތުރުން ހިއްސާގެ ފައިސާ ޖަމާކުރާނެ އެކައުންޓެއް ވެސް ކަނޑައަޅައިދޭނެ އެވެ.

ނަޖީބް ހާން ވިދާޅުވީ ބީއެމްއެލް އަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ކުންފުންޏަކަށްވާތީ ހިއްސާ ވިއްކުމުގެ އެހީތެރިއަކަށް ވުމަށް ގާއިމުކޮށްދޭ އައިޕީއޯ ނިޒާމު ކާމިޔާބު ވެގެންދާނެ ކަމަށެވެ. އަދި އުރީދޫ އަކީ އަބަދުވެސް ތަަފާތު އާ ކަންކަން ރާއްޖެ ގެންނަ ބަޔަކަށް ވާތީ ބީއެމްއެލް ކަހަލަ ކުންފުންޏެއްގެ ސަޕޯޓް ލިބުމުން ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.

"އުރީދޫ ގެ ހިއްސާ ވިއްކަން ބީއެމްއެލް ކަހަލަ ކުރިއަރާފައިވާ ކުންފުންޏެއްގެ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް،" ނަޖީބް ވިދާޅުވި އެވެ..

އުރީދޫން ހިއްސާ ވިއްކަނީ 30ރ. ގެ ރޭޓުންނެވެ ހިއްސާ ގަތުމުގެ ފުރުސަތު މިމަހު 29 ނިޔަލަށް އެބައޮތެވެ.