ހަބަރު

ނިދާފައި އޮއްވާ ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާގެ ބަންދަށް ކޯޓުން މިހާރު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ޒަހަމްވި މީހާގެ ބޭބެ އެވެ. އެހެން ނަމަވެސް މައްސަލާގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މ. މަދަން، ދެވަނަ ބުރީގެ ބައެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހާއަށް ފަރުވާ ދިނުމަށް ފުލުހުން ވަނީ އެރޭ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފަ އެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ ޒަހަމްތަކާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.