މަހުން 15 އަށް އަރާއިރު ދުވާލަކު އެތައް ފަހަރަކު މިހެން ހިތަށް އަރަ އެވެ. މިމަހު ލިބުނު ހުރިހާ ފައިސާއެއް ހަރަދުވީ ކިހިނެއް ބާއެވެ؟ މުސާރަ އެކީގައި ހުސްވީ ކޯންޗެއް ގަނެގެން ހެއްޔެވެ؟
އަމިއްލައަށް ވިސްނަ ބަލާށެެވެ. ރައްޓެހިންނާއި އާއިލާއާ އެކު ޝޮޕިންއަށް ގޮސް ގަތް އެއްޗެއްސަށް ބަލާއިރު ބޭނުމެއް ހިފޭ އެއްޗަކަށް ގަނެވިފައި ހުރީ ކޯއްޗެއް ހެއްޔެވެ؟ ރައްޓެހިން ގަންނަ ފެންވަރުގެ އަގުބޮޑު އެއްޗެހި ކޮންމެހެންވެސް ހަމަ ގަންނަން ޖެހޭ ހެއްޔެވެ؟ ކެއުމަށް ފައިސާ ހަރަދުކުރެވިފައި ހުރީ އެންމެ އެކަށީގެންވާ ގޮތުގައި ހެއްޔެވެ؟ މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ. ފަހަށް ފައިސާ ރައްކާ ނުކުރެވޭ މިކަހަލަ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.
މިކަހަލަ ކުދިކުދި އާދަތައް ބަދަލުކޮށްލަ ބަލާށެވެ. އަހަރެއްގެ މައްޗަށް އެތައް ހާސް ރުފިޔާ ރައްކާ ކުރެވޭނެ އެވެ.
މިސާލަކަށް 10،000 ރުފިޔާއަށް ލިބޭ ޓީވީއެއް ކަހަަލަ އެއްޗެއް ފަސް ޕަސަންޓް ޑިސްކައުންޓާއި 10 ރުފިޔާއަށް ލިބޭ އެއްޗެއް ފަސް ޕަސަންޓް ޑިސްކައުންޓާއެކު ގަތުމުގެ ތަފާތު ވަރަށް ބޮޑެވެ. އެންމެ އަގުބޮޑު ފޯނު، އެންމެ އަގުބޮޑު ޓީވީ އަދި އެންމެ އަގު ބޮޑު ސައިކަލު ކޮންމެހެން ދުއްވަން ޖެހޭ ހެއްޔެވެ؟ އަދި މި ތަކެތި ބާޒާރަށް ނެރުމާއެކު އެންމެ ކުރީ ބައިގައި ގަންނަން ޖެހޭ ހެއްޔެވެ؟
ގޭތެރޭގެ ބައެއް މަސައްކަތްތައް އަމިއްލައަށް ކުރަން ދަސްކުރާށެވެ. ފާރުގައި ރެނދެއް ލުމުން ނުވަތަ ގޭގައި ކުލަލާން ޖެހުމުން ކޮންމެހެން އެކަމަށް ބަޔަކު ގެންނަން ޖެހޭތޯ އަމިއްލަ އަށް ވިސްނާލާށެވެ. އެއީ އަމިއްލައަށް ވެސް ކުރެވެ ކަންތައްތަކެވެ. ގޭގައި ކައްކަން ކޮންމެހެންވެސް މީހަކު ބޭނުންވޭ ހެއްޔެވެ؟ ގޭގައި ތަނެއް ހަލާކުވި ނަމަވެސް އަމިއްލައަށް މަރާމާތު ކުރަން ދަސްކުރާށެވެ. ދަސްވާނީ ވެސް ދަސްވޭތޯ މަސައްކަތް ކުރުމުންނެވެ.
ފިހާރައަށް ގޮސް އުޅެނިކޮށް ވަރަށް ރީތި ހެދުމެއް ފެނިދާނެ އެވެ. އޭގެ އަގު ބޮޑެވެ. އެކަމަކު އެންމެ ފުރަތަަމަ ފެނިގެން ވެސް އެ ހެދުމަށް މާބޮޑު ޝައުގުވެރިކަމެއް އުފެދިއްޖެ އެވެ. މުސާރަ ލިބުނު ދުވަސްވަރު ކަމުން ފައިސާވެސް އެބަހުއްޓެވެ. އެކަމަކު އަރާ ފޯރީގައި އެ ހެދުން ނުގަންނާށެވެ. ހެދުން ފާހަގަ ކޮށްލާފައި ދާށެވެ. ފިނި ހިތަކުން އެ ހެދުމާއި ދޭތެރޭ ވިސްނާލާށެވެ. އަމިއްލަ ހާލަތާ ދޭތެރޭ ވެސް މެއެވެ. މި ދުވަސްވަރު ކޮންމެހެންވެސް އެ ހެދުން ބޭނުންވޭ ހެއްޔެވެ؟ ހާއްސަ މުނާސަބަތެއް އާދޭ ހެއްޔެވެ؟ ނާންނަ ނަމަ އިހަށް ހެދުން ގަތުމުގެ ވިސްނުން ފަސް ކޮށްލާށެވެ. އެއް ފަހަރާ އަގު ބޮޑު ހެދުމެއް ގަތުމުގެ ބަދަލުގައި ދެތިން މަހުން ކުޑަ ފައިސާ ކޮޅެއް ރައްކާކޮށްގެން ވެސް އެ ހެދުން ގަނެވިދާނެ އެވެ.
ބާޒާރު ކުރާއިރު އަބަދުވެސް ހިސާބު ހަދަން ވާނެ އެވެ. ހަރަދު ކުރެވޭ މިންވަރު ދެނެގަނެ ކަނޑައަޅާފައިވަ މިންވަރަށް ވުރެ އިތުރަށް ފައިސާ ހަރަދު ނުކުރާށެވެ. ބާޒާރުން ފެނުނު އަގު ބޮޑު މާވަށިގަނޑު ގަންނާނެ ހެއްޔެވެ؟ ބޮޑު ހަރަދެއް ކޮށްގެން އެ ގަތުމަށްވުރެ އެކަހަލަ އެތައް އެއްޗެއް ނުގަނެ ރައްކާކޮށް އަހަރެއް ނިމޭއިރު ގިނަ އަދަދަކަށް ފައިސާ ރައްކާ ކުރެވިފައި ހުރުމުން މާ ރަނގަޅެއް ނޫން ހެއްޔެވެ؟
ރައްޓެހިންނާއެކު ބޭރުގަޔާއި ކޮފީތަކުގައި ހޭދަކުރާ މިންވަރު މަދު ކުރާށެވެ. ކޮފީއެއް ބޯން ބޭނުންވާ ކޮންމެ ފަހަރަކު ރައްޓެހިންނާއެކު ކެފޭތަކަށް ދިއުމުގެ ބަދަލުގައި ގޭގައިވެސް ކޮފީއެއް ބޯލެވިދާނެ އެެވެ. ރައްޓެހިން އުޅޭ ފެންވަރުގައި ކޮންމެހެން އުޅޭކަށެއް ނުޖެހޭނެ އެވެ.