ހަބަރު

އެންމެ ރީތި ކަނޑުގެ މަންޒިލަކަށް ރާއްޖެ

އިޓާލިއާ ޓްރެވަލްސް އެވޯޑް 2017 ގެ ބެސްޓް ސީ ޑެސްޓިނޭޝަން އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ.

އިޓަލީގެ ރޯމްގެ "ދަ އެލަގެންޓް ރޯމަން އެކުއޭރިއަމް" ގައި އިއްޔެ ބޭއްވި އިޓާލިއާ ޓްރެވަލްސް އެވޯޑް 2017 ގެ ކަނޑުގެ އެންމެ ރީތި މަންޒިލަކަށް ރާއްޖެ ހޮވިފައިވަނީ ސީޝެލްސް އަދި ޕޮލިނީޝިއާ އާ ވާދަކޮށެވެ. މި އެވޯޑް ރާއްޖެއިން ހަވާލުވެވަޑައިގެންނެވީ ޖެނީވާއަށް ރާއްޖެއިން ކަނޑަ އަޅާފައިވާ މަންދޫބު ޑރ. ހާލާ ހަމީދެވެ. ރާއްޖެއަށް މިދިޔަ އަހަރު ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ވެސް ލިބިފައި ވެއެވެ.

އިޓާލިއާ ޓްރެވަލްސް އެވޯޑަކީ އެގައުމުގެ އޮސްކާ އެވޯޑްގެ ގޮތުގައި ޓޫރިޒަމް ދާއިރާއިން ގަބޫލުކުރާ އެވޯޑެކެވެ. މި އެވޯޑަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކޮށް އެދާއިރާ ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވަމުން އަންނަ އެވޯޑެކެވެ.

އިޓަލީ އަކީ ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ. މިދިޔަ އަހަރު އިޓަލީން ރާއްޖެއަށް 202 ފަތުރުވެރިއަކު ރާއްޖެ އައިސްފައި ވެއެވެ. މިއީ 2015 ވަނަ އަހަރާއި އަޅާބަލާއިރު 8.5 ޕަސެންޓްގެ ކުރިއެރުމެކެވެ.