ހަބަރު

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ދަރަވަންދޫގައި ފަށައިފި

ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ބ. ދަރަވަންދޫގައި ފަށައިފި އެވެ.

ދަރަވަންދޫގައި ދިރާގު ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހިދުމަތަކީ ބ. އަތޮޅުގައި އަލަށް ދޭ ހިދުމަތެކެވެ. ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖުގެ ދަށުން އިންޓަނެޓް ގެ ސްޕީޑު 100 އެމްބީޕީއެސް އާ ހަމަޔަށް ލިބިގެންދާއިރު އެލަވަންސް އެއްގެ ގޮތުގައި އެއް ޓީބީ ވެސް ހިމެނެ އެވެ.

ދަރަވަންދޫ ގިނަ ވިޔަފާރިތަކާއި ގެތަކުން އެ ހިދުމަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ދިރާގުގެ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެ ހިދުމަތަށް އެދޭ ފަރާތްތަކަށް ކަނެކްޝަނެއް ހިލޭ ގުޅާ ދޭނެ ކަމަށް ވެސް މުއާސަލާތީ އެ ކުންފުނިން ބުންޏެވެ.

ދިރާގުން ފައިބާ ނެޓްވޯކް ގާއިމްކޮށް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ އާ ހުޅުމާލެ އާ ވިލިމާލެ އާ ކ. މާފުށީގެ އިތުރުން ލ. ގަމުގަ އެވެ.