ހަބަރު

އަމާޒަކީ ނަރުހުންގެ ދާއިރާ މުޅިން ދިވެހިންނަށް ހެދުން: ނާޒިމް

ސަރުކާރުގެ އަމާޒަކީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ނަރުހުންގެ ދާއިރާގައި މަސައްކަތް ކުރާ އެންމެންނަކީ މުޅީން ދިވެހީންނަށް ހެދުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ނިސްބަތަކީ 45 ޕަސެންޓް ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި 100 ޕަސެންޓް ދިވެހިންނަށް ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން ނަރުހުން ތަމްރީނު ކުރުމާއި ތަމްރީނު ޕްރޮގްރާމްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ބޮޑެތި ސިޔާސަތުތައް ކަނޑައެޅުމުގައި ނަރުހުން އަދާ ކުރާ ދައުރު ބޮޑު ކަމަށާއި ނަރުހުންނެތި ސިއްހީ ދާއިރާގެ އޮނިގަނޑު ބިނާ ނުކުރެވޭނެ ކަމަށެވެ. އަދި ނަރުހުން އެކުލަވާލެވިފައިވާ އޮނިގަނޑު ވަރަށް އަވަހަށް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންމެ ތިން ނަރުހުންނާއެކު ފެށި ނަރުހުންގެ ހިދުމަތް މިވަނީ ގާތްގަނޑަކަށް ދެހާހެއްހާ ނަރުހުންނަށް ފުޅާވެފައި. ކޮންމެ އަހަރަކު 200 އެއްހާ ނަރުހުން މި ދާއިރާ އަށް ތަމްރީނުވެގެން ނުކުމެ. ނަރުހުންގެ ހިދުމަތް ފުޅާވެ ގޭގައި ބަލި އެނދުގައި އޮންނަ މީހާ އާ ހަމަޔަށް ހިދުމަތް ފޯރުކޮށްދޭ" މިނިސްޓަރު ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ މޭ މަހުގެ 12 ވަނަ ދުވަހެވެ.

މި ރަސްމިއްޔާތުގައި ނަރުހުންގެ އަގު ވަަޒަން ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ނަރުހުންނަށް ހަނދާނީ ފިލާ އަރުވާފަ ވެއެވެ. އަދި މީގެ އިތުރުން ނަރުހުންގެ ހިދުމަތުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ދެ ބޭފުޅަކަށް ހަނދާނީ ފިލާގެ އިތުރުން ދިރާގާއި އެންޒީގެ ފަރާތުން އިނާމު ދީފައި ވެއެވެ.