ހަބަރު

ފިޔަވަތިހިޔާ އަށް އެހީވާން ކެމްޕޭނެއް ފަށައިފި

މެލޭޝިއާގެ ލަމް ސޫން ކުންފުނީގެ އެންޓަބެކްސް އާއި ރާއްޖޭގެ ލޮޓަސް ފިހާރައާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް އެހީވުމުގެ ކެމްޕޭނެއް ފަށައިފި އެވެ.

މާބްލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެގައި ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލް ވިދާޅުވީ "ގިވް ހޯޕް، ރިސީވް ހޯޕް" ކެމްޕޭނަކީ ފަންޑް ރެއިޒިން ކެމްޕޭނެއް ކަމަށާއި މި ކެމްޕޭނުގެ ދަށުން ގަންނަ ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާ އެ ފަންޑަށް ޖަމާވާނެ ކަމަށެވެ.

މި ކެމްޕޭނު ކުރިއަށް ގެންދަނީ މާދަމާއިން ފެށިގެން އޮގަސްޓް މަހުގެ 15 އާ ހަމައަށެވެ. ލިބޭ ހުރިހާ ފައިސާއެއް ޖަމާ ކުރާނީ ފިޔަވަތި ޗައިލްޑް ކެއާ އިންސްޓިޓިއުޝަނަށެވެ.

"ތިން މަސް ދުވަހަށް މި ކެމްޕޭނު ކުރިއަށް ދާނެ. މި ކެމްޕޭނު ފެށުމުން އެންޓަބެކްސްގެ އަގަކަށް ވަކި ބަދަލެއް ނާންނާނެ. ކުރިން ވެސް ވިއްކަމުންދާ އަގުގައި ލިބެން ހުންނާނީ. އަޒުމަކީ މި ކެމްޕޭނުގެ ދަށުން ދެ ލައްކަ ރުފިޔާ ހަމަ ކުރުން،" ޒައިނަލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ އިންސްޓިޓިއުޝަން މެނޭޖްމަންޓް އެންޑް ކޯޑިނޭޝަންގެ ހެޑް މުންޒިރު އިބްރާހިމް ވިދާޅުވީ އެންޓަބެކްސްގެ ކެމްޕޭނުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި ފިޔަވަތި ހިޔާގައި މިހާރު ގާއިމް ކުރަން ފަށާފައިވާ އާލީ ޗައިލްޑްހުޑް އިންސްޓިޓިއުޝަން ބިނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.