ހަބަރު

ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ސްޕޮންސަރަކަށް ކާށިތެޔޮ ކުންފުނި

ރާއްޖޭގައި ބާއްވާ ފުރަތަމަ ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ޑައިމަންޑް ސްޕޮންސަޝިޕްގައި ކާށިތެޔޮ ކުންފުންޏާއެކު މިއަދު ސޮއި ކޮށްފި އެވެ.

ކާށިތެޔޮ ކުންފުނީގެ ފައުންޑާ، މުހައްމަދު މޫމިން "އަވަސް" އަށް ވިދާޅުވީ އެ ކުންފުނިން ހޮޓް އެއާ ބެލޫން ފެސްޓިވަލްގައި ބައިވެރިވީ، މި ކަމަކީ ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން ކަމަށާއި އެ ކުންފުންޏަކީ އަބަދުވެސް ޒުވާނުންގެ ކަންތައްތަކުގައި އިސްނަގައިގެން ޒުވާނުންނާ ގުޅުންހުރި ކަންތައްތައް ކުރިއަރުވަން ޝައުގުވެރިވާ ކުންފުންޏެއް ކަމަށެވެ.

"ޒުވާނުން އެއްބައިވަންތަ ކުރުވާ އެއް ރޫހެއްގައި ގުޅިގެން ކުރިއަށް ގެންދާ އިވެންޓް ތަކުގައި އަބަދުވެސް ބައިވެރިވާ ހިތްވޭ، އެހެންވެ މި ފެސްޓިވަލްގައި ބައިވެރިވީ،" މޫމިން ވިދާޅުވި އެވެ.

ޔުނިކްސް ސްޕޯޓިންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވި ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ އިވެންޓް މެނޭޖާ އައިމިނަތު ހިދާ ވިދާޅުވީ ޔޫތުގެ ޕްރޮޖެކްޓެއްގައި އެކުންފުނިން ބައިވެރިވުމަކީ އެ ފެސްޓިވަލްއަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ހޮޓް އެއާ ބެލޫން ފެސްޓިވަލް އޮތީ އަންނަ މަހު 25 އިން ފެށިގެން 27 އަށް މާލޭގަ އެވެ. އަދި މި ފެސްޓިވަލްގެ ޕްރިވިއު އިވެންޓް އޮންނާނީ މި މަހުގެ 19 ދުވަހު އެވެ. މި ފެސްޓިވަލް ބާއްވާ ޔުނިކްސް ސްޕޯޓިންގް އިން މިހާރު ވަނީ ޓިކެޓު ވެސް ވިއްކަން ފަށާފަ އެވެ. ޓިކެޓު ވިއްކަނީ 700ރ. އަށެވެ.