ލައިފްސްޓައިލް

އޮފީހަށްދާން ދިވެހިންނަށް އެންމެ ކަމުދަނީ ކޮން ސްޓައިލެއް؟

May 17, 2017
7

ދިވެހިންނަކީ އަބަދުވެސް އެންމެ ފަހުގެ ފެޝަނަށް ލޯބިކޮށް އެންމެ ފަހުގެ ފެޝަނަށް ހެދުން އަޅާ ބައެކެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިންނެވެ. އެންމެ ފަހުގެ ފެޝަނަށް ހެދުން އެޅުމަށްވުރެ ބޮޑު އުފަލެއްވެސް އެ މީހުންނަކަށް ނޯންނަކަހަލަ އެވެ. އަބަދުވެސް އެންމެ ފަހުގެ ފެޝަންތައް ބަލައި ދިރާސާ ކުރުމަށް ވަގުތު ހުސްކުރެ އެވެ. ފެޝަން އާ ބެހޭގޮތުން މި ކުދިންނަށް އިތުރު އެއްޗެއް ބުނެދޭކަށް ނުޖެހެ އެވެ.

އާންމުކޮށް ބޭރަށް ދާން ލާ އުޅޭ ހެދުންތަކުގެ ތެރޭގައި މި ދުވަސްވަރު އެންމެ ބޮޑަށް މަޝްހޫރުވެ ޓްރެންޑަކަށްވެފައި ވަނީ އަތްކުރިއަށް ފުޅާ ޓޮޕެވެ. ނުވަތަ ހެދުމެވެ. އެންމެ ޒަމާނީ ފަހުގެ ފެޝަންތަކަށް ލޯބިކުރާ ދިވެހި އަންހެން ކުދިންގެ މެދުގައި މިއީ އެންމެ ފުރަތަމަ ޗޮއިސް އެވެ. މިއީ މިހާރު ކައިވެނި ޕާޓީއަކަށް ދިޔަ ނަމަވެސް ނުވަތަ އެހެން ތަނަކަށް ދިޔަ ނަމަވެސް އެންމެ ގިނައިން ހެދުން އަޅާ ވައްޓަފާޅި އަކީ މިއީ އެވެ. ބުރުގާ އެޅި އަންހެނުންގެ މެދުގައިވެސް އެންމެ މަގުބޫލީ އެ ސްޓައިލެވެ.

ޕާޓީތަކާއި އާންމުކޮށް އުޅޭއިރުން ފެށިގެން އޮފީސް މާހައުލަށްވެސް މި ޓްރެންޑް މިވަނީ އައިސްފަ އެވެ. އޮފީސް މާހައުލުގައި ފަހަކަށް އައިސް އެންމެ މަގުބޫލު އެއް ޓްރެންޑަކީ ދަށަށް ޖެހުން (ބެގީ) ކުރުމެވެ. ސަރުކާރު އޮފީސްތަކުން ފެށިގެން އަމިއްލަ އޮފީސްތަކުގައިވެސް މިހާރު އެންމެ މަގުބޫލީ ބެގީ ސްޓައިލެވެ. ބޮޑެތި ކުންފުނިތަކުގައިވެސް މަސައްކަތް ކުރާ ގިނަ އަންހެން މުވައްޒަފުންނަށް މި ސްޓައިލް ވަރަށް ކަމުދެ އެވެ.

"މިހާރު ފަހުގެ އެއް ޓްރެންޑިން މި ތަންކޮޅެއް ލޫސް ކޮށް ހުންނަ ފަޓްލޫން އާ އެކު އޮފީސް ޓޮޕް ބެގީ ކުރުން. އެއީ ލޫސް ފަޓުލޫނަކާއެކު ޓޮޕް ދޫކޮށްލާފައި ބޭންދީމައި ނުހުންނާނެ ބޮޑީ ޝޭޕް އެނގޭކަށް." ރާއްޖޭގެ މަޝްހޫރު ސްޓައިލިސްޓަކު ބުންޏެވެ.

ނަމަވެސް ދާދި ފަހުން ފެނަކައިން މިވަނީ އަންހެން މުވައްޒަފުން ބެގީކޮށްގެން އޮފީހަށް އައުން މަނާކޮށްފަ އެވެ. އެއާ އެކު ފާޑު ކިޔުންތައް ވެސް ބޮޑެވެ. ނަމަވެސް އޮފީހަށް ދިޔުމުގައި ހެދުން އަޅާ ގޮތުގެ އެހެން ފެޝަންއެއް ވެސް އެބައުޅެ އެވެ. ނަމަވެސް އެއީ މުޅިން އާ ޓްރެންޑެއް ނޫނެވެ. އެއީ ބާރުކޮށް ހުންނަ ބެލްސް އާ އެކު ދޫކޮށް ހުންނަ ޓޮޕެވެ.

"އަސްލު އޮފީހަށް ދާކަށް ވަކި ރައިޓް ޓްރެންޑެއް ނޯވޭ. އެއްވެސް ޓްރެންޑަކަށް ފިޓް ނުވާ ގޮތަށްވެސް އޮފީހަަށް ދާން ޑްރެސް ކުރެވިދާނެ. އެންމެ ރީތިވާނެ އެގޮތްވެސް. ބޭނުންކުރާ ކުލަތަކާއި ޕެޓާން އާ އެއްޗެހި އޮފީހާ ގުޅެންޏާ އެވީ." ސްޓައިލިސްޓް ބުންޏެވެ.

ބޭރު ދުނިޔޭގައިވެސް އޮފީހަށް ދާއިރު އަންހެނުން އެންމެ ގިނައިން ހެދުން އަޅާއިރު ހުންނަނީ ދަށަށް ޖަހާފަ އެވެ. ދޫކޮށް އަދި ބާރުކޮށް ހުންނަ ފަޓުލޫނާއެކު ދަށަށް ޖަހާފަ އެވެ. އެންމެ ގިނަ ބަޔަކަށް ކަމުދާ ޓްރެންޑަކީވެސް އެއީ އެވެ. އެކަމަކު މިހާރު އެ ފުރުސަތުވެސް މި ގެއްލުނީ ހެއްޔެވެ؟