ހަބަރު

ނެސްކެފޭ ޓޭކްއަވޭ ކޮފީ ޝޮޕެއް އައިޖީއެމްއެޗްގައި

ލިލީ އިންޓަނޭޝަނަލް ގެ ފަރާތުން ނެސްކެފޭ އަލްގްރިއާ ލައުންޖްގެ ނަމުގައި ޓޭކް އަވޭ ކޮފީ ޝޮޕެއް އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ.

ލިލީން ބުނީ މިއަދު ހޮޅުވި އެ ކެފޭ ލައުންޖުން ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ނެސްކެފޭ ކޮފީގެ ހުރިހާ ވައްތަރެއް ވެސް ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން ފްރެޝް ޖޫހުގެ ބާވަތްތަކާއި މިލްކް ޝޭކް އަދި މޮކްޓެއިލްސް ގެ ވައްތަރުތައް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސީކުރެޓް ރެސިޕީ އާ ގުޅިގެން އެތަނުގައި ކޭކް ވެސް ވިއްކަން ފަށާނެ ކަމަށް ލިލީން ބުންޏެވެ.

އައިޖީއެމްއެޗްގެ މައި ދޮރާއްޓާ ދިމާލުން ވަދެ ކަނާތްފަރާތަށް ވާގޮތަށް ހެދި ކޮފީ ޝޮޕް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ޔަކުން ރޭގަނޑު 12:00 އަށެވެ. ނަމަވެސް ކޭކް ވިއްކަން ފެށުމުން ހެނދުނު ހުޅުވާ ގަޑިއަށް ބަދަލު ގެނެސް ހެނދުނު 6:00 ޖަހާއިރު ހުޅުވާނެ އެވެ.

ލިލީ އިންޓަނޭޝަނަލް އަކީ ލިލީ ގްރޫޕްގެ، ދުނިޔޭގައި ނަން މަޝްހޫރު ކޮސްމެޓިކްސް އުފެއްދުންތަކާއި ކާ އެއްޗެހީގެ އިތުރުން ބުއިންތައް ރާއްޖެ އަށް އެތެރެ ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރާ ވައްތަރު ތަކުގެ ތެރޭގައި ނެސްކެފޭ އަދި ނެސްލޭގެ ވައްތަރުތައް ހިމެނެ އެވެ.