ލައިފްސްޓައިލް

ނާސްތާ ދޫކޮށްލުމަކީ ޑިޕްރެޝަންއަށް މަގުފަހިވާ ކަމެއް!

May 21, 2017

ހެނދުނުގެ ނާސްތާއަކީ ދުވަސް އެންމެ ރަނގަޅު ގޮތުގައި ފަށަން މުހިންމު ބައެއް ކަން އެނގެ އެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި ހުރެ ހެނދުނުގެ ނާސްތާ ފަސް ކޮށްލެވެނީ އެވެ. އޮފީހުގައި ބުރަވެގެންނެވެ. ނޫނީ ގޭގައި ކުދިންގެ ކަންތައްތަކުގައި އުޅެން ހަދައިގެން ވަގުތެއް ނުވަނީ އެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ސައި ދޫކޮށްލެވޭނެ އެއްވެސް ސަބަބެއް ނެތެވެ. އެއަށްވުރެ ހެނދުނުގެ ސައި މުހިންމެވެ. އެއީ ހެނދުނުގެ ސައި ނުބޮއެ އުޅުމަކީ މީހާ ޑިޕްރެޝަން އަށް ވައްޓާލާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދެއްކުމުންނެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި އާންމުކޮށް ހެނދުނުގެ ސައި ނުބޯ މީހުންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު 43 ޕަސެންޓް އެހެން މީހުންނަށްވުރެ އިތުރު ކަމެވެ.

އެ ދިރާސާގައި ބުނެފައިވަނީ ހެނދުނުގެ ސަޔާއި ނުލާ ދުވަސް ފެށުމުން ބަނޑުހައިކަން އިތުރުވުމުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން ކަމަށްވާ އެޑްރިނާލިން އުފައްދާ މިންވަރު އިތުރުވެ އެންޒައިޓީ އަށްވެސް މަގުފަހި ކުރުވާ ކަމަށެވެ.

ދެކުނު ކޮރެއާގައި އެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 200،000 މީހުން ބައިވެރިކޮށްގެނެވެ. އެމީހުންގެ ތެރެއިން ކޮންމެ ހަ މީހަކުން އެކަކަކީ ހަފްތާގެ ފަސް ދުވަހު ހެނދުނުގެ ސައި ނުބޯ މީހުންނެވެ. އަދި އެމީހުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ފެންނަ މިންވަރު އިތުރު ކަމަށްވެ އެވެ.

ހެނދުނު އެންމެ ރަނގަޅު ނާސްތާއެއް ނުނެގުމަކީ ހިތުގެ ބަލިތަކަށްވެސް މަގުފަހިކުރުވާ ކަމެކެވެ.

އެ ދިރާސާގައި ބައިވެރިވެފައިވާ ގިނަ އަދި އެހެނިހެން ތަޖުރިބާކާރުން ބުނަނީ ހެނދުނުގެ ސައި ބޯން އެންމެ ރަނގަޅީ ހޭލާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.