- ޕާކިސްތާނުގެ ދެ އަންހެނަކު ހައްޔަރުކުރި
- ދިރުވާލައިގެން މަސްތުވާތަކެތި ގެނައި މީހަކު ހިމެނޭ
- ގިނަ އަދަދެއްގެ ފައިސާ ވެސް އަތުލާފައިވޭ
ދެ ދުވަހުގެ ތެރޭގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނަކުން 2.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ. އެ ތިން އޮޕަރޭޝަނުން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކު ހައްޔަރު ކޮށްފައި ވެއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، މޫސާ އަލީ ވިދާޅުވީ ފުރަތަމަ އޮޕަރޭޝަން ހިންގާފައިވަނީ އިންޑިއާއިން މަސްތުވާތަކެއްޗާއެކު ރާއްޖެއަށް މީހަކު އަންނަ ކަމުގެ މައުލޫމާތު އެ ޑިޕާޓްމަންޓަށް ލިބުމާއި ގުޅިގެން ކަސްޓަމްސް ގެ އެހީތެރިކަމާ އެކު މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ މީހާގެ ހަށިގަނޑު ފާސް ކުރުމުން 29 ބުލެޓްގެ ހެރޮއިން ފެނިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
"އެ މީހާގެ ލަގެޖާއި ހަށިގަނޑު ފާސް ކުރުމުން އެއްވެސް މަސްތުވާތަކެއްޗެއް ފެނިފައި ނުވުމުން އިތުރަށް ބަލާ ފާސް ކުރަން އޭނާ ހޮސްޕިޓަލަށް ގެނެސް އެކްސްރޭ ނެގުމުން އަންއައިޑެންޓިފައިޑް އެއްޗެހިތަކެއް ހުރިކަމަށް ޑޮކްޓަރު ވިދާޅުވުމާއެކު ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ބަނޑުގައި ހުރި އެއްޗެހި ސާފު ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ތަކެއް ފެނިގައިވޭ"
ދެވަނަ އޮޕަރޭޝަން ހިންގާފައިވަނީ ޕާކިސްތާނުން އައިސް ތިިބި ދެ މީހަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެނެވެ. އެ އޮޕަރޭޝަނުގައި ކެފޭއެއް ތެރޭގައި ތިއްބައި އެ ދެ މީހުންނާއެކު ދެ ދިވެހިން ހައްޔަރު ކޮށް ބަލާ ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރާއި 26 އަހަރުގެ ޕާކިސްތާނު ދެ އަންހެނުންނާއި އުމުރުން 26 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
"އެ މީހުން އަތުން ފެނުނު ރަބަރު ޕެކެޓް ތަކުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހިމެނެ. އޭގެ ބަރުދަނުގައި ގާތްގަނޑަކަށް 296 ގްރާމް ހިމެނޭ ކަމަށް ބެލެވޭ. އަދި އެމީހުންގެ އަތުން 14000 އެމެރިކާ ޑޮލަރު ވެސް ފެނިފައިވޭ،" މޫސަ ވިދާޅުވި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވީ ތިންވަނަ އޮޕަރޭޝަން ހިންގާފައިވަނީ މޯލްޑިވްސް ކަސްޓަމް ސާވިސުން ހިއްސާކުރި މައުލޫމާތަކާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އެތެރެ ކޮށްފައިވާ ޕާރުސަލް ތަކެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ސުޒީ ވިދާޅުވި އެވެ.
މި ތިން މައްސަލަ ވެސް މިހާރު ދަނީ ފުލުހިންގެ އިދާރާއިން ތަހުގީގު ކުރަމުންނެވެ.