ލައިފްސްޓައިލް

އަމިއްލަ ނަފްސްގެ މަތިން ހަނދާން އެބަހުރިތަ؟

May 24, 2017
2

ކައިވެންޏެއްކޮށް ޒަވާޖީ ހަޔާތެއް ފަށައި ދަރީން ލިބުމަކީ މީހާގެ ދިިރިއުޅުން ވަރަށް ބޮޑަށް ބަދަލުކޮށްލާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނެވެ. ކައިވެނިކޮށް ދެތިން ދަރިން ލިބޭފަހުން ނިކަން އަޅެ ސުވާލު ކޮށްލަ ބަލާށެވެ. ދަރިން ލިބުމުގެ ކުރިން ހުސްވަގުތުތަކުގައި ކޮށް އުޅުނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ މަޖާކޮށްފައި ކުރީ ކޮން ކަމެއް ހެއްޔެވެ؟ ގިނަ ފަހަރަށް ހަނދާންވެސް ނުހުންނާނެ އެވެ. ހަނދާން ހުރި އަންހެނެއް ނަމަ ރޯން ފެށުމުގެ ފުރުސަތު ބޮޑެވެ.

ތިއީ މި ބުނި ކަހަލަ މަންމަ އެއް ހެއްޔެވެ؟ މިކިޔައިދޭ ކަންތައްތައް މިހާރު އަމިއްލަ ދިރިއުޅުމުން ފާހަގަވެ ހެއްޔެވެ؟ ރަނގަޅަށް މިކަމާ ދޭތެރޭ ވިސްނާލަން ވާނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރިން ކޮށް އުޅުނު ކަންތައްތައް ކޮބާ ހެއްޔެވެ؟ ހުސް ވަގުތެއް ލިބޭ އިރަށް ލިޔެ އުޅުނު ވާހަކަ ތަކާއި ކިޔަން ގެންގުޅުނު ފޮތްތައް އަދި ބެލި ސީރީޒްތައް މިހަރު ކޮބާ ހެއްޔެވެ؟ އޭއްޗެހީގައި އަތްލައި ބަލައިލާނެ ފުރުސަތެއް ލިބުނު ހެއްޔެވެ؟ ނުލިބެ އެވެ. އެއިން އެއްވެސް ކަމަކަށް ވަގުތެއް ނުދެވެ އެވެ. އެކަމަކު އެންމެ ކުރާހިތުން ކުރި ކަންތައްތަކަކީ އެއީ އެވެ.

ރައްޓެހިންނާ ބައްދަލުކޮށްލާ އެމީހުންނާއެކު ކޮފީއެއް ކަހަލަ އެއްޗެއް ބޯލަން ދިޔައީ އެންމެ ފަހުން ކޮން ދުވަހަކު ކަން މިހާރު ހަނދާނެއް ނެތެވެ. އެމީހުން ގުޅި ނަމަވެސް ކޮންމެވެސް އުޒުރެއް ދައްކާފަ ނުދެ އެވެ. ފަަހުން ފަހުން އައިސް ހާލު ބަލައިލަން ގުޅާލާ ރައްޓެއްސަކުވެސް ނެތެވެ. އެކަން އިހުސާސް ކުރެވޭ ހެއްޔެވެ؟

ދެން ތިބީ ކުރިން އެންމެ އެކީގައި އުޅުނު އާއިލާ އެވެ. އެއްބަނޑު ކުދިންނާ ދެބެންގެ ދެދަރި ކުދިންނެވެ. އެކީގައި ބޮޑެތިވެގެން އައި ކުދިންނެވެ. ނަމަވެސް އެއިން ކުއްޖެއްގެ ގެޔަށް ދެވުނު ދުވަހެއްވެސް ނޭނގެ އެވެ. އާއިލާ އެކީގައި ދާން ރޭވި އެއްވެސް ދަތުރެއްވެސް ނުދެވެ އެވެ. މާހެފުމަކަށް ރޯދަ ވީއްލުމަކަށްވެސް ނުދެވެ އެވެ. މައިންބަފައިން ކައިރިއަށް ވެސް މަހަކު އެއް ފަހަރުވެސް ނުދެވެ އެވެ. މިއި ދޮގެއް ހެއްޔެވެ؟

ދިރިއުޅުމުގެ ކަންތައް އަމިއްލަ އަށް ނިންމަމުން އައިސް މިހާރު ތިހިރީ ކިހިނެއް ވެފަ ހެއްޔެވެ؟ ހުރިހާ ކަމެއް ފިރިމީހާގެ އަތް މައްޗަށް ދޫކޮށްލައިގެންނެވެ. އެއްވެސް ކަމެއްގައި އަމިއްލަ ހިޔާލެއް ފާޅެއް ނުކުރެ އެވެ. ކާނެ އެއްޗަކުން ފެށިގެން ލާނެ އެއްޗެއްވެސް ނިންމަނީ ފިރިމީހާ އެވެ. އަމިއްލަ ޝައުގުވެރިކަމެއް އެއްވެސް ކަމަކަށް ނެތެވެ. ހިންހަމަ ނުޖެހުނަސް އެއްޗެއް ނުބުނެ ހުންނަނީ އެވެ. ދިރިއުޅުމަސް ބަދަލެއް އައިސް ދެ މީހުންގެ ގުޅުން ގޯސް ވެދާނެތީ އެކަމަށް ޖެހިލުންވެފަ އެވެ. ނަމަވެސް އަމިއްލަ ހިޔާލު ފާޅުނުކޮށް އަނގައިން ނުބުނެ ހުރުމުން އަމިއްލަ ނަފުސަށް އެދެވެނީ އަނިޔާ އެކެވެ.

ދިރިއުޅުން މަތިން ފޫހިވެފައި ހުރި މީހެއްގެ ދިރިއުޅުމާ އަމިއްލަ ދިރިއުޅުމާ އެއްވެސް ތަފާތެއް ނެތެއް ނޫން ހެއްޔެވެ؟ މިކަންކަން ބަދަލު ކުރާށެވެ. އަމިއްލަ ނަފްސު ދެކެ މިއަށްވުރެ ލޯބިވެގެން ނޫނީ ހަގީގީ އުފާވެރިކަމެއް ނުފެންނާނެ އެވެ. ދަރިން ލިބުމަކީ އަމިއްލަ ދިރިއުޅުން ހަލާކުވާން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. ދަރިންނަކީ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވާފަދައިން އަމިއްލަ ނަފްސަކީވެސް ދިރިއުޅުމުގެ މުހިންމު ބަޔަކަށް ހަދާށެވެ.