ހަބަރު

ދިރާގުގެ ކުލަ އޮރެންޖަށް ބަދަލުކޮށް އާ ލޯގޯއެއް

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނި ދިރާގުން މިއަދާއި ހަމަޔަށް ބޭނުން ކުރަމުން އައި އަތް ރަތްކުލަ އާއި އަތްތިލަ ރަމްޒްކޮށްދޭ ލޯގޯ އަށް ބަދަލުގެނެސް އެ ކުންފުނީގެ އާ ކުލަ އާއި ލޯގޯ މިރޭ ދައްކާލައިފި އެވެ.

ދިރާގުން މިރޭ އަލަށް ބޭނުން ކުރަން ފަށާފައިވާ ލޯގޯގައި ވަނީ އިނގިރޭސި ސިމްޕަލް "ޑީ" އަކުރަކާއި އަކުރުގެ ވަށައިގެން ފަސް ރޮނގު ބުރި އެވެ. އަދި މި ލޯގޯ އިިން ރަމްޒުކޮށްދެނީ ކުރިއެކޭ ވެސް އެއްގޮތަށް އަތް ތިލަ އެކެވެ. މިއީ ދިރާގުން ކުރިން ބެނުން ކުރަމުން އައި ލޯގޯއާއި ވަރަށް އެއްވައްތަރު ލޯގޯއެކެވެ. ދިރާގުގެ ކުލަވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ. އެގޮތުން ކުރިން ބޭނުންކުރަމުން އައި ރަތް ކުލަގެ ބަދަލުގައި ދިރާގުން މިރޭގެ ފަހުން ބޭނުންކުރާނީ އޮރެންޖް ކުލައެވެ. މިއީ ދިރާގު އުފެދުނު ފަހުން ދިރާގުގެ ކުލައަށް ބަދަލު އައި ދެވަނަ ފަހަރެވެ.

ދިރާގުގެ ސްލޯގަން ވެސް ވަނީ ޓޭކް އޮން ޓްމޯރޯއަށް ބަދަލުކޮށްފަ އެވެ.

އަލަށް ބޭނުންކުރަން ފެށި ލޯގޯއާއި ކުލަ ބަދަލުކުރީ މިރޭ ދިރާގުން އާޓް ގެލެރީގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އަދި މިހާރުން ފެށިގެން ދިރާގުގެ ވެބްސައިޓާއި ފޭސްބުކް ޕޭޖަށް ވަނީ އާ ލޯގޯއާއި ކުލަ އާއި އެއްކޮށް މުޅިން ބަދަލުކޮށްފަ އެވެ.

ދިރާގުން ވަނީ ލޯގޯއާއި ކުލަ ބަދަލުކުރުމަށްޓަކައި ވޭތުވެދި ހަފްތާގައި ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އޮރެންޖްކުލަ ބޭނުންކޮށްގެން ހާއްސަ ބޯޑުތަކެއްވެސް ވަނީ މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ހަރުކޮށްފަ އެވެ. އަދި މިއަދު ވަނީ ލިލީ މަަގުގައި ކުޑަތަކެއްވެސް ހަރުކޮއްފައެވެ. ދިރާގުންވަނީ މީގެ އިތުރުން ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ބޮޑު މާކެޓިން ކެމްޕެއިންގައި ދިރާގުން ބޭނުންކޮށްފައިވާ ހޭޝްޓެގަކީ ''ވަޓްސް ނެކްސްޓް'' އެވެ.