ލައިފްސްޓައިލް

ރޯދަ މަހު ހަ ބަނޑަށް ކާންވީކީ ނޫން، ސަމާލު ވާންވީ

ރޯދަމަހަކީ އެމަހެއްގައި އެންމެ ގިނަ އަދަދަކަށް ސުފުރާ މަތިން އެއް ދުވަހެއްގައި ކާބޯތަކެތި ފެންނަ މަހެވެ. ސުފުރާމަތިން މަދުވެގެން ހައެއްކަ ވައްތަރުގެ ކާނާ ނުފެންނަ ދުވަހެއް މަދުވާނެ އެވެ. ސުފުރާ މަތި ތިޔާގިވެ، ވެރައިޓީސްތައް ގިނަ ވުމުން ކެވޭ ވަރު ވެސް ގިނަ ފަހަރަށް ނޭނގޭނެ އެވެ. ނަމަވެސް ރޯދަމަހު ކެއުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ހުންނަ ކަން ހަނދާން ނައްތާނުލާށެވެ. ރޯދަ ވީއްލުމަށް ފަހު ލޮޑުވުން ނުވަތަ ވަރުބަލި ވުން ފަދަ ކަންކަމަކީ އާންމުކޮށް ގިނަ ބަޔަކާ ކުރިމަތިވާ ކަމެކެވެ. ގިނަ އިރުތަކެއް ވަންދެން ނުކައި ހުރެފައި ކެއުމުން އެފަދަ ކަމެއް ވުމަކީ ހަމަ ދިމާވެ ދާނެ އާދައިގެ ކަމެކެވެ. މި ކަންކަމުން ރައްކާތެރިވެ ރޯދަ މަހުގެ ދުވަސްތައް ވެސް އަހަރުގެ އެހެން ދުވަސްތަކެކޭ އެއްފަދަ ކުރުމަށްޓަކައި ކެއުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން ހުރެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ރޯދަމަހު ވެސް ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުުން ކުރުމަށް އިސްކަން ދޭށެވެ. އެގޮތުން ކެއުމުގައި ޕާނާއި، ސީރިއަލް އަދި ގޮދަނުގެ ބާވަތްތަކުން ތައްޔާރުކޮށްފައި ހުންނަ ކާނާ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރާށެވެ. މި ފަދަ ކާނާ އަކީ އޭގައި ކާބޯހައިޓްރޭޓްސް އެކުލެވޭ ކާނާއަށް ވުމުން ހަށިގަނޑަށް ހަކަތަ ގެނުވައިދީ ހަށިގަނޑުގައި ވަރު ޖައްސައި ދޭނެ އެެވެ. މީގެ އިތުރުން ކާބޯހައިޑްރޭޓްސް ބޭނުން ކުރުމުން ސިކުނޑިއަށާއި، ކިޑްނީއަށާއި، ހިތަށާއި، ސެންޓްރަލް ނާވަސް ސިސްޓަމް އަށް ވެސް ގިނަ ފައިދާތަކެއް ކޮށް އެ ނިޒާމްތައް ފުރިހަމަ އަށް މަސައްކަތް ކުރުމަށް އެހީވެދެ އެވެ.

ދެވަނަ ކަމަކަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް އިތުރު ކުރާށެވެ. ނަމަވެސް މޭވާ އަދި ތަރުކާރީ ވެސް އެންމެ ރަނގަޅީ، އޭގެ ތާޒާ ކަން ނުގެއްލޭ ފަދަ ގޮތަކަށް ބޭނުން ކުރުމެވެ. ތަރުކާރީގައި ވެސް އަދި މޭވާގައި ވެސް ސެލެޑް ހަދައިގެން ބޭނުން ކުރުމުން ތާޒާ ކަން ނުގެއްލި ހަށިގަނޑަށް ފައިދާވާ ގޮތަށް ބޭނުން ކުރެވޭނެ އެވެ. މީގެ އިތުރުން ރޯދައަށް ހުންނަ އިރު ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށްޓަކައި ދިޔާތަކެތި ގިނައިން ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަށްޓަކައި ތާޒާ މޭވާގެ ޖޫސް ބޭނުން ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. މޭވާ އާއި ތަރުކާރީއަކީ އޭގައި ގިނައަދަދަކަށް ވިޓަމިންގެ ބާވަތްތައް އެކުލެވޭ ތަކެއްޗެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީ ވެދީ، ކޮލެސްޓްރޯލް ލެވެލް މަތިވިޔަ ނުދީ ހިފަހައްޓައިދެ އެވެ.

މީގެ އިތުރުން ކިރާއި، ޗީޒް ފަދަ ތަކެއްޗަކީ ޕްރޮޓީން އެކުލެވޭ ތަކެތި ނަމަވެސް މިތަކެތި ގިނައިން ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ސަބަބަކީ މި ބާވަތްތަކުގައި ގިނަ އަދަދަކަށް ފެޓްސްގެ ބާވަތްތައް ވެސް ހިމެނޭތީ އެވެ. ފެޓްސް އަކީ ނީހާ ފަލަކޮށްދީ ހިތުގެ ބަލިތަކަށް މަގުފަހިވާ، ކޮލެސްޓްރޯލް ލެވަލް ހަށިގަނޑުގައި މަތިކޮށް، ލޭ ހޮޅިތަކުގައި ލޭ ގަނޑުވުމަށް މަގުފަހި ކުރާ އެއްޗެކެވެ. އަދި ރޯދަ މަހަކީ ގިނަ އިރުތަކެއް ވަންދެން ނުކައި ހުރެފައި ކާ މަހެއްކަމުން ހަށިގަނޑުގެ ނިޒާމްތަކުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. އަދި ހިތުގެ މައްސަލަތައް ދިމާވެ، ހިތުގެ ހިނގުމަށް ބުރޫ އަރާ ކަމުގައި ވާނަމަ ރޯދައަށް ހުންނަ ވަގުތުގައި އާދަޔާ ހިލާފަށް ވަރުބަލި ވާ ގޮތް ދިމާވާނެ އެވެ. އެހެން ކަމުން މިފަދަ ތަކެތި އެއްވެސް މިންވަރަކަށް ބޭނުން ނުކުރުމަކީ ވެސް އެދެވިގެންވާ ކަމެކެވެ.

ރޯދަމަހު ރޯދަ ވީއްލުމަށާއި، ތަރާވީހަށް އަދި ހާރަށް ވެސް މި ކަންކަމަށް ސަމާލުކަން ދީގެން ކާބޯތަކެތި ތައްޔާރު ކުރާ ނަމަ ސިއްހަތަށް ފައިދާ ކުރުވަނިވި މަހަކަށް ރޯދަ މަސް ހެދޭނެ އެވެ. ދުވާލު ގަޑީގައި ބުރަ މަސައްކަތުގައި އުޅޭއިރު ވަރުވަލި ވުމުން ސަލާމަތްކޮށްދީ ރަގަޅަށް މަސައްކަތް ކުރުމަށް މި އިރުޝާދުތަކަށް އަމަލު ކުރާށެވެ. ރޯދަ މަހަކީ ހަމައެކަނި ހަބަޑަށް ކާ މަހެއްގެ ގޮތުގައި ނުހެދުން މުހިންމެވެ.