ލައިފްސްޓައިލް

އޮޅިގެން ގުޅުނު ނަމްބަރަކުން ލިބުނީ ހަޔާތުގެ ބައިވެރިޔެއް

އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ކުށް އެންމެ ގިނަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މީހަކަށް އަނިޔާއެއް ނުލިބި ދާ ދުވަހެއް ނުދެއެވެ. މީހުންގެ މޫނަށާއި ގަޔަށް އެސިޑް ޖެހުމުގައި ހައްދު ފަހަނަ އަޅާފައިވާ ގައުމެކެވެ. އެސިޑްގެ ޝިކާރައަކަށްވެ ދިރިއުޅުން ހަލާކުވި އެތައް އަންހެނުންނެއް އެ ގައުމުގައި އުޅެއެވެ. އޭގެން އެކަކަކީ ލަލީތާ ބެން ބަންސީ އެވެ. ނަމަވެސް އެސިޑްގެ އެ ހާދިސާއަށްފަހު އޭނާގެ ނަސީބު ވަނީ އަތުގައި ހިފާފަ އެވެ. އޮޅިގެން ގުޅުނު ނަންބަރަކުން އޭނާ އަށް ލިބުނީ ހަޔާތުގެ ބައިވެރިޔާ އެވެ.

އުމުރުން 26 އަހަރުގެ ލަލީތާ އެސިޑްގެ ޝިކާރަ އަކަށް ވީ 2012 ވަނަ އަހަރެވެ. އޭނާ އަށް އެ ހަމަލާ ދިނީ އާއިލާ މީިހެކެވެ. ލަލީތާ ބުނީ އެ ހާދިސާއަށް ފަހު ލޯބިވެރިއެއް ލިބިގެން ދިއުން ވެގެން ދިޔައީ ހަޔާތަށް ދިރުމެއް ލިބިގެން ދިޔަ ފަދަ ކަމަކަށެވެ. ނަސީބު އައިސް އަތުގައި ހިފީ އެފަދަ ކަމަކަށް އެދިއެދި ހުއްޓަ އެވެ. އަދިވެސް އެކަން ގަބޫލުކުރަން ދައްޗެވެ. އަދިވެސް ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން ކަމަށެެވެ. އޮޅިގެން ގުޅުނު ނަންބަރުން ލިބުނީ ދުނިޔޭގެ ހުރިހާ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

"އެސިޑްގެ އެ ހާދިސާ އަށް ފަހު 17 ސާޖަރީ ހެދިން. އެ ހާދިސާއަށް ފަހު ދުވަހަކު ވެސް ހިޔެއް ނުކުރަން އަހަރެން ދެކެ ލޯބިވާ މީހަކު ލިބޭނެ ކަމަކަށް. އެކަމަކު ގަބޫލު ކުރަން ދަތި ވިޔަސް އަހަރެންނަށް އެ ނަސީބު މިއަދު ލިބިއްޖެ. އޮޅިގެން ގުޅުނު އެ ނަންބަރުން އަހަރެންނަށް ލިބުނީ ރަވީ ޝަންކަރު. އަހަރެން ދެކެ ލޯބިވާ ފިރިއެއް." އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ލަލީތާ ބެން ބަންސާ ބުންޏެވެ.

ލަލީތާގެ ފިރިމީހާ ރަވީ ޝަންކަރަކީ ސީސީޓީވީ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އުމުރުން މިހާރު 27 އަހަރެވެ. ރަވީ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނަ އަށް ލަލީތާ ކަމުދާ ކަމަށެވެ. ލޯބި ވެވުނީ އޭނާގެ ހިތްހެޔޮ މިޒާޖު ދެކެއެވެ. ރީތި ކަމަކަށް ނޫން ކަމަށެވެ. އެދުވަހުގެ ފަހުން ވާހަކަ ދެއްކި ކޮންމެ ފަހަރަކު އިތުރަށް ކަމުދިޔައީ އެވެ. މޫނު ފެނުމުން އިތުރަށް އުފާ ދޭން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަށް އޭނަ [ލަލީތާ] އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކަމުދޭ. ރީއްޗަކީ އަގެއް ހުރި އެއްޗެއް ނޫން. ލޯބި ވެވުނީ އޭނާގެ ހިތްހެޔޮ މިޒާޖަށް. އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އިތުރަށް އޭނާ ކަމުދިޔައީ. އަހަރެންނަށް ލަލީތާ އަބަދުވެސް ރީތި" ރަވީ ބުންޏެވެ.

ރަވީ އަދި ލަލީތާގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ މި ހަފްތާ ތެރޭގައި އިންޑިއާގެ މުމްބާއީގަ އެވެ. އެ ހަފްލާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް އެ ހަފްލާގައި ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީތަރި ވިވޭކް އޮބްރޯއީވެސް ބައިވެރިވެފައި ވެއެވެ. ވިވޭކް އެންމެ ފުރަތަމަ ލަލީތާ އާއި ބައްދަލުވެފައި ވަނީ އެސިޑްގެ ނުރައްކާތެރިކަމުން ސަލާމަތް ވެފަވާ މީހުންނަށް ބޭއްވި އިވެންޓަކުންނެވެ. ވިވޭކް ވަނީ ރަވީ އަަށް ހަގީގީ ބަތަލެއްގެ ލަގަބު ވެސް ދީފަ އެވެ.

އިންޑިއާގައި އަހަރެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ އެސިޑް ހަމަލާތަށް ހުށައަޅަ އެވެ. ނަމަވެސް ބިރުން އެކަހަލަ މައްސަލަ ހުށަ ނާޅާ އެތައް ބަޔަކު އުޅެއެވެ. ރިޕޯޓް ނުކުރާ އެސިޑްގެ މައްސަލަ ތައް މާ ގިނަ ވާނެ ކަމަށް ވެއެވެ.