މި ދުވަސްވަރު ވިއްސާރަ ކަމުން ބޭރަށް ނުކުމެލާ އުޅެން މާ ފަސޭހަ އެއް ނޫނެވެ. އަވި ދީފަ އޮވެފައި އުޑުމަތި ބަނަކޮށްލާ ވާރޭ އޮސާލަން ބައި ގަޑިިއިރުވެސް ނުނަގަ އެވެ. އެހެންކަމުން ވަޒީފާއަށް ދާ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތެއް ހޭދަ ކުރެވެނީ ގޭގަ އެވެ. ރައްޓެހިންނާ އެކު ބޭރަށް ގޮސްލާވެސް ނޫޅެވެ އެވެ. ވާރޭ ވެހެން ފަށާ މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި ވެސް ވާރޭގައި ޖެހިފައި ހުންނަން ޖެހިދާނެތީ އެވެ.
ގޭގައި އޮންނަ ދުވަސްވަރަކަސް ވާތީ ކެއުން ނޫން ކަމެއް ނުކުރެެވެ އެވެ. ސިއްހަތަށް ބެލުމުގެ ބައިވެސް ވަރަށް ބޮޑަށް ފަރުވާކުޑަ ކުރެވިއްޖެ އެވެ. ގޭގައި ތިބެގެން ކުރެވޭހާވެސް ކަމަކީ ކޮންމެވެސް ތައްޔާރީ ކާނާ އެއް ހިފައިގެން އިނދެ ފިލްމް ނުވަތަ ސީރީޒް ބެލުމެވެ. ގޭތެރޭގައި ހިނގާލާ ހެދުމުގެ ބައިވެސް ނެތެވެ.
މި ދުވަސްވަރު ސިއްހަތަށް ފަރުވާކުޑަ ކުރެވެނީ ހަމައެކަނި ގޭގައި އުޅޭ ވަގުތެއްގައި ނޫނެވެ. ބޭރަށް ނުކުމެލާ މަދު ފަހަރަކުވެސް ފަރުވާ ކުޑަ ކުރެވެ އެވެ. މިސާލަކަށް ވާރޭ ވެހެން ފަށައިފިނަމަ މާލެގައިވެސް މިހާރުވެސް ވަރަށް ބޮޑަށް ފެން ހެދެ އެވެ. ރަށްރަށުގައިވެސް މަގުގެ އެކި ތަންތަންކޮޅުގައި ފެންގަނޑު ހެދިފައި ހުރެ އެވެ. މި ފެންގަނޑުތަކުން ސަލާމަތް ވެގެން ހިނގާފައި ތަނަކަށް ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ހާއްސަކޮށް ކުޑަ ކުއްޖަކު ގޮވައިގެން ބޭރަށް ނުކުމެ އުޅޭ ނަމަ އެވެ. ފެން ގަނޑަށް އެރުމަކީ ގިނަ ކުޑަކުދިން ނިކަން ކުރާހިތްވާވެސް ކަމެކެވެ. ނަމަވެސް ވާރޭ ވެހިގެން މަގުމަތީގައި ހެދިފައި ހުންނަ ފެންގަނޑުތަކަށް އެރުމަކީ ފައިގައި ފަންގަސް އުފެދެން މެދުވެރިވާ ސަބެބެކެވެ.
ފެން ގަނޑަށް ނޭރުނު ނަމަވެސް ގެއަށް އަންނަ ގޮތަށް ފައި ރީއްޗަށް ދޮވެ ސާފުކުރަަންވާނެ އެވެ.
ވާރޭ މޫސުން އައުމާއެކު ގެއަށް ގަންނަންވީ ވިއްސާރަ ކޯޓާއި ކުޑަ އެކަންޏެއް ނޫނެވެ. މަދިރިން ރައްކާތެރިވާން މަދިރި ލޯޝަންތަކާއި ސްޕްރޭތައް އަދި މަދިރިން ރައްކާތެރިވާނެ އެހެން އެއްޗެހިވެސް ގަނެ ބޭނުން ކުރަން ވާނެ އެވެ. މީގެ އިތުރުން ވަށައިގެންވާ މާހައުލު ވީހާވެސް ބޮޑަކަށް ސާފުތާހިރުކޮށް ބޭއްވުން މުހިންމެވެ.
ކުޑަޔާއި ވިއްސާރަ ކޯޓު އަބަދުވެސް އަތުގައި ބާއްވަން ވާނެ އެވެ. ވާރޭ ވެހެން ފަށާނީ ކޮން އިރަކު ކަމެއް ބުނާކަށް ނޭނގެ އެވެ. މި ދުވަސްވަރު ކާ އެއްޗެހިވެސް ވީހާވެސް ހޫނުކޮށް ބޭނުންކުރަންވާނެ އެވެ. ފެންވެސް އައިސް ފެނުގެ ބަދަލުގައި ހޫނުފެން ބޭނުން ކުރުން ރައްކާތެރި އެވެ. ރޯގާ ޖެހުން ފަދަ ކަންކަމުން ދުރުވާނީވެސް އޭރުންނެވެ.
މީގެ އިތުރުން ވާރެވެހިގެން ތެމިފައި ހުންނަ ފާރުފަދަ ތަންތަނާއިވެސް ދުރުވާން ވާނެ އެވެ. ހާއްސަކޮށް ޑައިބެޓިސް ނުވަތަ ނޭވާ ހިއްލާ މީހުންނެވެ. އެއީ ހަށިގަނޑުގައި ފަންގަސް އުފައްދާ އެ ބަލި ބޮޑުވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމަކަށްވާތީ އެވެ.