މަސް މާރުކޭޓް ކުރިމަށްޗަށްވާ ގޮތަށް ހުންނަ ލޯކަލް މާރުކޭޓް ތެރެއަށް ވަދެގެން ދާ އިރު ނިމޭހާ ހިސާބުގައި ފައްކާވެފައިވާ މާރުކޭޓް 50 ނަމްބަރު ގޮޅިއަކީ އައިޝަތު ރަޝީދާ އާއި އޭނާގެ ފިރިމީހާގެ ގޮޅިއެކެވެ. ދެމީހުން މާރުކޭޓް ގޮޅީގެ ވިޔަފާރި ހިންގަމުންދާތާ މިހާރު ގާތްގަނޑަކަށް ތިރީހަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ. ގޮޅިން ނުކުތަސް ގޮޅީގައި އިނަސް އައިޝަތު ރަޝީދާއަކީ ރާއްޖެއަށް މަޝްހޫރު އަނެހެނެކެވެ.
އައިޝަތުގެ ދެމަފިރިންގެ 50 ނަމްބަރު ގޮޅިން އާންމު ގޮތެއްގައި ލިބެން ހުންނަ ބައެއް ތަކެތީގެ ތެރޭގައި އާންމުކޮށް ގޮޅިތަކުގައި ހުންނަ ބާވަތްތަކާ ހިލާފަށް އަސާރައިގެ ބާވަތްތަކާއި ރިހާކުރާއި ދިޔާ ހަކުރު، މާފުށާއި ފާރޮށިކުނޑީގެ އިތުރުން އަވެލި އަދި ގޮށް ރީންދޫ ހިމެނެ އެވެ. މީގެ އިތުރުން ފަންސާސް ނަމްބަރު ގޮޅީގެ ބޮނޑި އާއި ގުޅައިގެ އިތުރުން ކަނަމަދާއި ބޮލުގައި ލާ ކާށިތެޔޮ ވެސް ލިބެން ހުރެ އެވެ.
ފަންސާސް ނަމްބަރު ގޮޅިއަށް އާންމު ގޮތެއްގައި ގިނަ ބާވަތްތައް ގެނެސް އުޅެނީ ހދ. ނޮޅިވަރަމުންނާއި އެ އަތޮޅު ކުޅުދުށްފުށިން ނެވެ. މީގެ އިތުރުން ރިހާކުރު ގެނެސް އުޅެނީ އދ. އޮމަދޫ އިންނެވެ. އައިޝަތުގެ ދެމަފިރން ވިއްކާ ރިހާކުރު ފުޅީގެ އަގުތަށް އުޅެނީ 270ރ. އަށާއި 250ރ. އަދި 120ރ. އަށެވެ.
އައިސްތު ބުނި ގޮތުގައި ގޮޅީގައި ގިނަ ތަކެއްޗަކީ އޭނާގެ އަމިއްލަ އަށް ގޭގައި ތައްޔާރު ކުރާ އެއްޗެއްސެވެ. އޭގެ ތެރޭގައި އަވެއްޔާއި މާފުށާއި ފާރޮށި ކުނޑީގެ އިތުރުން އަސާރައިގެ ބާވަތްތައް ހިމެނެ އެވެ. މާރުކޭޓް ހުޅުވާފައި ހުންނަ ވަގުތު ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު އަބަދު ވެސް ގޮޅީގައި ހުރެ އެވެ. ވަގުތު ވުމުން ގޭގައި ބޭނުންވާ ސާމާނުތައް ތައްޔާރެ އެވެ.
އައިސްތު ބުނި ގޮތުގައި ގޮޅީގެ ވިޔަފާރިން ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖައްސާ ލެވެ އެވެ. އެހެން މަސްމަހާ އަޅާ ބަލާއިރު ރޯދަ މަހު ލިބޭ އާންމުދަނީ އަބަދުވެސް ބޮޑެވެ. އޭނާ އުންމީދު ކުރަނީ މި ރޯދަ މަހަކީ ފަންސާސް ނަމްބަރު ގޮޅީގެ ވިޔަފާރި އަރައިގެން ދިއުމަށެވެ.