ކުޅިވަރު

މި އަހަރު ކްރިކެޓް ކަނިވާ ތަފާތު، އަތޮޅުތަކުގައި ވެސް

May 27, 2017

ކޮންމެ ރަމްޟާން މަހަކު، މާލޭގައި ބާއްވާ ކްރިކެޓް ކަނިވާގެ ބައެއް މުބާރާތްތައް އަތޮޅުތަކުގެ ތެރޭގައިވެސް ކުރިއަށް ގެންދިއުމަށް ކްރިކެޓް ބޯޑުން ނިންމައިފި އެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، މާލޭގެ އިތުރުން، ލ. ކުނަހަންދޫ އާއި ފުވައްމުލަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ކުނަހަންދޫއިން ވަނީ، މުބާރާތުގައި ފަސް ޓީމު ބައިވެރިވެފަ އެވެ.

ކްރިކެޓް ކާނިވަލަކީ މީގެ 15 އަހަރު ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު، ކްރިކެޓް ބޯޑުން ބާއްވަމުން އަންނަ މުބާރާތްތަކެކެވެ. ނަމަވެސް ތިން ކެޓަގަރީގެ މުބާރާޓް ބާއްވާނީ މާލޭގައި އެކަންޏެވެ.

ކްރިކެޓް ކާނިވަލުގެ ތެރެއިން މާލޭގައި ބާއްވަނީ އޯޕަން ޓޭޕްބޯލް މުބާރާތާއި ސަރުކާރު އޮފީސް ތަކާއި ކުންފުނިތަކަށް ބާއްވާ މުބާރާތާއި އަމިއްލަ ކުންފުނިތަކަށް ބާއްވާ މުބާރާތެވެ.

އޯޕަން ޓޭޕްބޯލް މުބާރާތުގައި 10 ޓީމު ވާދަ ކުރެ އެވެ. އެ މުބާރާތް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ނެވެ. ސަރުކާރު އޮފީސް، ކުންފުނި މުބާރާތުގައި ވާދަ ކުރަނީ ފަސް ޓީމެވެ. އަމިއްލަ ކުންފުނި މުބާރާޓުގައި 12 ޓީމު ވާދަ ކުރެ އެވެ.

އަމިއްލަ ކުންފުނިތަކުގެ މުބާރަތަކީ ކޮންމެ އަހަރަކުވެސް އެންމެ ވާދަވެރި މުބާރަތެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއެވެ. ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކްރިކެޓް ކާނިވާ ފަށާނީ މާދަމާ އެވެ.