ލައިފްސްޓައިލް

ކައިވެންޏަށްފަހު ލޯބި ލޯތްބެއް ނޫން، އެއީ ކީއްވެ؟

May 28, 2017
2

ކައިވެންޏާ ހިސާބަށް ދިޔައީ ލޯބިން ދުވަސްތައް ގުނުމަށް ފަހު އެވެ. ފަސް އަހަރުވީ ގުޅުން ކައިވެންޏަށް ބަދަލުކުރީ މުޅި އުމުރު ދުވަހަށް ލޯބިން އުޅެވޭނެ ކަމުގެ ޔަގީންކަމާ އެކީގަ އެވެ. ނަމަވެސް ކައިވެންޏަށް ދެތިން އަހަރެއްވެ ދަރިން ލިބުނު އިރު ކައިވެނި މިއޮތީ ނާޒުކު ފައްތަރެއްގަ އެވެ. ކޮށްލެވޭ އެންމެ ކަމަކުން ނުވަތަ ބުނެވޭ އެންމެ ބަހަކުން "ވަރި" އެ ލަފްޒު ފިރިމީހާގެ ދުލުން ބުނެވޭ ހިސާބަށް ކަންތައް ގޮސްފަ އެވެ.

ވަރި އާ ހަމައަށް ހުރިހާ ފަހަރަކު ދަނީ ފިރިމީހާ ބޭވަފާތެރިވެ ގުޅުން ނިންމާލަން ބޭނުންވެގެނެއް ނޫނެވެ. އަންހެން މީހާ ބޭނުންވާ ފަހަރު ވެސް އާދެ އެވެ. ފިރިމީހާގެ ކުށެއް ނެތި އެވެ. ކައިވެނީގައި ރެނދުލައި އެ ރެނދު އިތުރަށް ފޭވާން ދިމާވާ އެއް މައްސަލައަކީ އެއް ފަރާތުން ލޯބި ވުމެވެ. ދެމަފިރިން އެކަކު އަނެކަކު ވާން ޖެހޭ ލޯބި ނުވުމުންނެވެ. ވަކި ހިސާބަކުން ކެތްތެރިކަން ކޮޅުންލައިގެން ދަނީ އެވެ.

އެހެން ނަމަވެސް ވަރިއަކީ ހައްލެއް ނޫނެވެ. އެކަމުގެ ހުރިހާ ދެރަ އަކާއި ހިތާމައެއް ލިބޭ އެއް ބަޔަކީ ދަރިންނެވެ. އެދަރިންގެ މުސްތަގުބަލަށް ވިސްނާފައި ދެމަފިރިންގެ ގުޅުން ރަނގަޅު ކުރަން ޖެހެ އެވެ. ނަމަވެސް ކުރިން ވީ ލޯބި އަލުން ވެވިދާނެ ހެއްޔެވެ؟ އެކަމަށް ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟

އެންމެ ފުރަތަމަ ކަމަކަށް ބައިވެރިޔާ ކުށްވެރިކުރުން ހުއްޓާލާށެވެ. ނިކަން ތަފާތު ކަންކަން ރާވާލަ ބަލާށެވެ. ދެމަފިރިން އެކުގައި ޗުއްޓީ ހޭދަކޮށްލަން ދަތުރެއް ރާވާލާށެވެ. ސައިކަލު ބުރު ޖަހަން ދިއުމާއި ޑިނާ ޑޭޓުތަކަށް ދިއުން މިހާރަކު ނެތެއް ނޫން ހެއްޔެވެ؟ ފާހަގަ ކުރަނީ ވެސް ހަމައެކަނި ކުދިންގެ އުފަން ދުވަހެވެ. މިހުރިހާ ކަމެއް އަލުން ބަދަލުކޮށްލާށެވެ. ސައިކަލު ދުއްވާލަން ގޮސް އެނިވާސަރީ އާ އެހެނިހެން ހާއްސަ ދުވަސްތައް ވެސް ފާހަގަކުރަން ފަށާށެވެ.

ކުދިންނާ ދުރުގައިވެސް ވަގުތުކޮޅެއް ހޭދަކޮށްބަލާށެވެ. މިސާލަކަށް ހަފްތާ ބަންދެއްގައި ކުދިން ތިމާގެ ކޮންމެސް މީހަކާ ހަވާލުކޮށްލާށެވެ. ތަފާތު މާހައުލެއްގައި އުޅެލަން ކުދިންވެސް ބޭނުންވާނެ އެވެ.

ދެމަފިރިން އެކުގައި މި ހޭދަކޮށްލާ ވަގުތުގައި ކުރިއެކޭ އެއްވެސް ތަފާތެއް ނެތް ގޮތަށް އަމަލުތައް ބަހައްޓާށެވެ. އެންމެ ފުރަތަމަ ކައިވެނި ކޮށްގެން ހަނީ މޫން އަށް ގޮސްގެން އުޅުނު އިރު ދިން ލޯބި މިހާރުވެސް ދެވޭނެ އެވެ. އެ ލޯބި އަނބުރާ ނުލިބުނަސް މާޔޫސް ނުވާށެވެ. އެކަމަށް ވަގުތު ބޭނުންވާނެ ކަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ.

ގުޅުން ވަރުގަދަ ކުރަން އޭނާ މަސައްކަތް ނުކުރި ނަމަވެސް ހިތްވަރު އެލުވާނުލާ ކުރިއަށްދާށެވެ. "ބްރޭވް" މީހާއަށް ވާށެވެ. ހިތްވަރުކޮށްފައި އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާށެވެ. މަޑުމައިތިރި ކަމާ އެކީގަ އެވެ. ރުޅި އައިސްގެން އެއްޗެހި ކިޔައިގެން ނުވަތަ ޝަކުވާކޮށްގެން ކަމަކު ނުދާނެ އެވެ.

ގުޅުމުގައި ރެނދުލައި ބައިވެރިޔާ މަތިން ފޫހިވާން މެދުވެރިވާންވީ ސަބަބު ދެނެގަންނާށެވެ. ފަހަރުގައި އެއީ ތިބާގެ ކުށެއް އޭގައި އޮވެވެސް ނުވަތަ ކުށެއް ނެތިވެސް ހިނގައިދާނެ އެވެ. ނަމަވެސް ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނަމަ ތިބާއަށް މި ގުޅުން މުހިންމުކަން އޭނާއަށް ގަބޫލުކުރެވޭނެ އެވެ. ދަރިންގެ މުސްތަގްބަލަށް ވިސްނާ އެދަރިން ދެކެ ވާ ލޯބި ދެނެގަނެވި ތިބާ ދެކެ އަލުން ލޯބިވާން މަގުފަހި ވާނެ އެވެ.

އެތައް ދުވަހެއްގެ މަސައްކަތަށް ފަހުވެސް ބައިވެރިޔާގެ ލޯބި އަލުން ލިބުމުގެ އެއްވެސް އިޝާރާތެއް ނުލިބިދާނެ އެވެ. ނަމަވެސް ބޭވަފާތެރި ނުވެ ކެތްތެރިވާށެވެ. އެހެން ނަމަވެސް ލޯތްބާ ސަމާލުކަން ދޭ އެހެން ފަރާތަކަށް ހިތް ދީލާލުމަކީ އިންސާނީ ތޮބީއަތެވެ. އެހެންނަމަވެސް އެއީ ވަގުތީ ލޯތްބެއްކަން ދަންނަންވާނެ އެވެ. އަދި އެއީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭނެ ގޮތެކެވެ. ފަހަރުގައި ވަރިއަށް ފަހު އަލުން ދުވަހަކުވެސް އެ ލޯބި ނުލިބިދާނެ ފަދަ ކަމެކެވެ.