ލައިފްސްޓައިލް

ބިޓުން ސެޓް ކުރަން ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލާ!

May 29, 2017
15

އަންހެން ކުއްޖަކަށް ހިތް ކިޔައިގެން އެ ކުއްޖާ "ސެޓު" ކުރަން އެގޭ ދޮރުމަތިން ބައިސްކަލެއްގައި ކުރަކާލި ކަނޑާ ޒަމާން ގޮސް މިހާރު މިއޮތީ ޖީއެން ސައިކަލެއްގައި އަންހެން ކުއްޖާ ލައިގެން މާލެ ވަށައި ބުރުޖަހައިގެން ހިތް އަތުލައި ގަންނަ ފަސޭހަ ޒަމާން އައިސްފަ އެވެ. އެހެން ހުރިހާ ސައިކަލަކަށްވުރެ މި ސައިކަލަށް އަންހެން ކުދިން ހިތް ކިޔާލެއް ގިނަ އެވެ.

މިކަން އެންމެ ރަނގަޅަށް އެނގެނީ ބޮލު މެދަށް ހުޅިއެއް ޖަހައި، ގަހަނާ ވިއްކާ ފިހާރައެއް ހެން ހުންނަ ފިރިހެން ކުއްޖާވެސް މިބުނާ ކަހަލަ ސައިކަލެއްގައި ދެ ތިން ރެއަކު އަންހެން ކުއްޖާ ގޮވައިގެން ބުރުޖަހައިލައިގެން އަންހެން ކުއްޖާގެ ހިތް ދަމައިގަންނާތީ އެވެ. ޖީއެންގައި ހުންނަނީ ކޮންކަހަލަ ޖާދުވީ ބާރެއް ހެއްޔެވެ؟

ދެން މިއޮތީ ބިޓެއް ސެޓު ކުރާއިރު ޖީއެން ސައިކަލަކަށްވުރެ އެންމެ ތަންކޮޅެއް ވެސް ދެރަ ނުވާ ކަމެއްގެ ވާހަކަ އެވެ. ކޮފީ މޭޒު ތަކާއި ޑިނާ ޑޭޓުތައް ފަޅުފިލުވައިގެނެއް ނޫނެވެ.

އެއީ ކަސްރަތުކޮށް ބަނޑަށް ގޮޅި އަރުވާ ނުލި ނަމަވެސް ފިރިހެން ކުއްޖާގެ މޭމަތިން ހިސާބެއް އަންހެން ކުއްޖާއަށް ދައްކާލައިގެން ހިތް އަތުލުމެވެ. އާންމުކޮށް އުޅޭ އުޅުމުގައި ގަމީހުގެ މަތިން ދެ ގޮށް ނައްޓާލައިގެން އުޅޭ ކުއްޖާގެ ސައިކަލު ފަހަތުގައި ނުވަތަ އިނގިލި ކުރިލައިގެން ބިޓެއް ނުހުންނަ އިރެއް މަދުވާނެ އެވެ. މިބުނާ ގޮތަށް ހެދުން އަޅާ ފިރިހެނެއް މަގުމަތިން ފެނިއްޖެނަމަ އަންހެން ކުދިން ކިތަންމެ ވަރަކަށްވެސް ބަލަ އެވެ. ހަމަ ބެލެނީ އެވެ.

ހަވީރު ދަޅަޔަށް ފުޓުބޯޅަ ދަނޑުތައް ކައިރިން ހިނގާފަ ދާއިރު ހުއްޓިގެން ކުޅޭތަނަށް ބަލަން ހުންނަނީކީ ވެސް މާ މޮޅަށް ކުޅޭ ބަޔަކު ފެނިގެނެއް ނޫނެވެ. ކުޅެން ތިބޭ ފިރިހެން ކުދިންނަކީ އާންމުކޮށް ވަރަށް ރީތި ހަށިގަނޑެއް ހުންނަ ބަޔަކަށް ވާތީ އެވެ.

ބިޓެއް ސެޓްކުރަން މި ބުނާ ގޮތަށް ހެދުން އަޅައިގެން އާންމުކޮށް އޭނައަށް ފެންނަ ހިސާބަށް ގޮސް އުޅެގެން އަންހެން ކުއްޖާގެ ހިތް ފަސޭހައިން ލެނބޭ ކަމަށް ބުނާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވެސް އެބަހުއްޓެވެ.

"ފިރިހެނުން އެކަންޏެއް ނޫން ރީތި ހަށިގަނޑެއް ހުންނަ ބިޓުން ބޭނުންވަނީ. އަހަރެންވެސް ބަލަން ރީއްޗަށް ހުންނަ ހުންނަ ފިރިހެނުންނަށް، މޭމަތީ ފަޅާފައި ހުންނަ އިސްތަށިކޮޅު ފެންނަން ހުންނަ ވަރަށް ގަމީހުގެ ގޮށްތަށް އަޅުވާފައި ހުންނަންޏާ ފިރިހެނުން ވަރަށް ސެކްސީ، މަ މިގެންގުޅޭ ބިޓު ވެސް މަ ސެޓު ކުރީ އެގޮތަށް،"

"އަހަރެންވެސް ބުނިން ސިފަ މުހިންމެއް ނޫނޭ އަހުލާގޭ މުހިންމީ ބިޓެއް ނަގާއިރު، އެންމެ ފުރަތަމަ އެހެންވެ ރައްޓެހިވި ކުއްޖާ ހުރީ ކުޑަކޮށް ފަލަކޮށް، ބަނޑެއްވެސް އިންނާނެ. ނުލާހިކު ރަނގަޅު ކުއްޖެއް އެއީ، އެކަމަކު ދުވަސްކޮޅަކުން ފޫހިވެއްޖެ، ދެން ކުއްޖަކާ ރައްޓެހިވިއިރު ބެލިން މޭމަތީގެ އިސްތަށިކޮޅު ފެންނަން ހުންނަ ސްޓައިލިޝް ކުއްޖަކު ހޯދަން، އެހެން ހުންނަ އިރު ފާޑެއްގެ ގޮތެއް ހުރޭ އަޅައިގަންނަ، މިހާރު ވަރަށް ހެޕީ" އުމުރުން 23 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ހިޔާލު ފާޅުކުރި އެވެ.

އެހެންނަމަވެސް މިއިން ކަމަކަށް އެއްބަސްވާނެ އަންހެން ކުއްޖަކު ވަރަށް މަދުވާނެ އެވެ. "އައްޗީޑި މަށެއް ނޫޅެމޭ" ކިޔާފައި މިއަށް ފާޑުކިޔާފައި މިހާރުވެސް ބޭރަށް ނުކުމެ ބަލާށެވެ.

"އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކަށް ހުއްޓަސް، ގަމީހުގެ ގޮށްތައް ރީއްޗަށް އަޅުވާފައި ޖިންސުވެސް އުނގަނޑުގައި ހަރުލާފައި ހުންނަންޏާ، ކޮންމެހެން ނުޖެހޭ ދޯ އެހެން އަންހެން ކުދިންނަށް އޭނަ އިޝްތިހާރު ކުރާކަށް،" ފޫހިވެފައި ހުރި ރާގަކަށް ދަމާލާފައި ޒުވާން ކުއްޖަކު ބުންޏެވެ.

މިއީވެސް ބައެއް އަންހެން ކުދިންގެ ޓޭސްޓެވެ. ރަތް ފިނިފެންމަލެއް ހިފައިގެން އައިސް އެކީގައި ހިނގާލާފައި ޕާކެއްގައި މަޑުކޮށްލާ ވާހަކަ ދައްކާލައިގެން ބައެއް އަންހެން ކުދިންގެ ހިތް އަތުލެވިދާނެ އެވެ. އެކި މީހުންގެ ހިޔާލުވެސް ތަފާތުވާނެ އެވެ. އެހެން ނަމަވެސް މިބުނާ ކަހަލަ އަންހެން ކުދިންވެސް މޭމަތިން ދެ ގޮށް ނައްޓާލައިގެން ސްޓައިލްގައި ދާ ފިރިހެން ކުއްޖާ އާ ދިމާލަށް ކަޅިއެއް އެއްލާނެ އެވެ.