ރޯދަމަހު ހާއްސަކޮށް ތޮއްޖެހި ރަކަރަކަ އަޅަމުންދާ ދަތުރުވެރިންގެ މާރުކޭޓަށް ވަނުމަކީ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހިންހަމަ ނުޖެހި ހުރެވެސް އެދިމާލަށް ދިޔައީ އެނޫން ގޮތެއް ނެތިގެންނެވެ. މެންދުރުގެ ހޫނު ގަދަ ވަގުތަށް ވިޔަސް މީހުން އެއްވެސް ވަރަކަށް މަދެއް ނޫނެވެ.
މީހުން ކިރިޔާވެސް މަދުވެލާތޯ އެއް ފަރާތެއްގައި މަޑުކޮށްލައިގެން ހުއްޓާ "މިއޮއްފަދަ ރޯދަ މަހު މާބޮޑަށް ރުޅި ގަދަ ވެގެން އުޅެންޏާ މިތަނުން ފާގައެއްގެ ދިޔަ ބޮއެ ބަލާށޭ" ދެ މީހަކު ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ބުލެނި އަޑު އިވިގެން އެނބުރި ބަލައިލި އިރު އެތަނުގައި ފާގައަށް ވުރެ ގިނަ އެއްޗެއް ނެތެވެ. ގިނަ ބަޔަކު ފާގަ ގަންނާތީވެސް ފެނެ އެވެ.
މިއީ ނިކަން ކުރީއްސުރެވެސް މީހުން ދައްކާތީ އަޑުއިވޭ ވާހަކަ އެެކެވެ. އޭގެ ހަގީގަތް ހޯދަން މީގެ ކުރިން މާބޮޑު މަސައްކަތެއްވެސް ނުކުރަމެވެ. އޭގައި ހުންނަ ހިތި ރަހައެއްގެ ސަބަބުން މީހުން ފާގަ ދެކެ ޖެހިލުންވެ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ ކަމަށް މީގެ ކުރިން ހީކުރެވިފައިވެ އެވެ.
އެހެން ނަމަވެސް އަލަށް އުފެދުނު ޝައުގުވެރިކަމެއްގައި ސައިންސްވެރިން މިކަމާ ބެހޭގޮތުން ބުނާ އެއްޗެއް ބަލައި ދެނެގަނެ ދިރާސާކޮށްލީމެވެ. ސައިންސްވެރިން ބުނަނީ ފާގައިގެ ދިޔަ ނުވަތަ ޖޫހުގައި ހުންނަ ކެމިކަލް މާއްދާއެއްގެ ސަބަބުން މީހާގެ ރުޅި މަޑުކޮށްލާ އޭގެ މައްޗަށް އުފާވެރިކަމުގެ ހޯމޯންސް އުފައްދައިދީ މީހާގެ މިޒާޖު ރަނގަޅުކޮށްލާ މީހާ ހަމައަކަށް އަޅުވާލާ މޫޑު ރަނގަޅުކޮށްލާ ކަމަށެވެ.
މީހާގެ ރުޅި މަޑުކޮށްލުމުގެ އިތުރަށް އެތައް އެތައް ފައިދާއެއް ފާގައިން ލިބެ އެވެ. ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްލާ ކޮލެސްޓްރޯލް ހުންނަ މިންވަރުވެސް ފާގައިގައި ހުންނަ މާއްދާތަކުން ދަށްކޮށްލަ އެވެ. ހާއްސަކޮށް ޑައިބެޓިސް ޕޭޝަނުންޓުންނަށް މިއީ ވަރަށް ރަނގަޅު ފަރުވާ އެކެވެ.
ފާގައަކީ ހަށިގަނޑުގެ ދިފާއީ ނިޒާމްގެ ބަރު ގަދަކޮށްދީ ބަލިތަކުން މީހާ ދުރުކޮށްދޭ ތަރުކާރީ އެކެވެ. ބަރުދަން ލުއި ކުރުމަށްވެސް އެފަދަ ދެވަނަ އެއް ނެތް އެއްޗެކެވެ. ހަންގަނޑާއި އިސްތަށިގަނޑު ރީއްޗަށް ބަހައްޓަންވެސް ފާގައަށްވުރެ ރަނގަޅު ފަރުވާއެއް ނެތެވެ.
އެހެން ނަމަވެސް ފާގަ ބޭނުން ކުރުމުގެ ކުރިން އޭގެ ހިތި ވަރަށް ރަނގަޅަށް ފިލުވަން ވާނެ އެވެ. އެންމެ ފުރަތަމަ ކަމަކަށް ފާގަ މެދުން ފަޅާލުމަށްފަހު އޭގައި ހުންނަ އޮއް ތައް ނަގާށެވެ. އޮއްތައް ނަގާނީ ސަމްސަލެއް ބޭނުންކޮށްގެންނެވެ. އެއަށްފަހު ލޮނު ފެނުގެ ތެރޭގައި 15 ވަރަކަށް މިނެޓު ބޭއްވުމަށްފަހު ނަގާށެވެ. މިހާރު ހުންނާނީ ފާގައިގައި ހުރި ހިތި ރަހަ ގަނޑު އެއްކޮށް ފިލާފަ އެވެ.