ލައިފްސްޓައިލް

އަންހެނުން އަންހެނުންނަށް އެވަރަށް ބަލަނީ ކީއްވެ؟

May 30, 2017
11

އެންމެ ފަހުގެ ހެދުން ލާފައި އެންމެ ފަހުގެ ފައިވާނަށް އެރުމަކީ ގިނަ އަންހެން ކުދިން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ހެދުންތައް ގަނެ އެއްކުރެ އެވެ. އެއިން ހެދުމެއް ލައިގެން ބޭރަށް ނުކުމެ އުޅެނިކޮށް އެވައްތަރުގެ އޭގެ ހެދުމެއް ލައިގެން ހުއްޓާ އެހެން ކުއްޖަކު ފެނިދާނެ އެވެ. މައްސަލަ ގޯސްވާ ހިސާބަކީ މިއީ އެވެ. އެއަށްފަހު އެހެދުން ނުލާނެ އެވެ. އެ ހެދުން "އެކްސްޕަޔާ" ވީ އެވެ. އެއީ ދެން "ފޮނިކަން" ބޮޑެވެގެން ކަމަށް ވަންޏާ ވާންވީ އެވެ.

އެއީ އެއް ކަމެކެވެ. ޒުވާން އަންހެން ކުދިންނާއި އަންހެންވެރިންގެ ފަރާތުން ފާހަގަކުރެވޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ރީތި ހެދުމެއް ލައިގެން ހުރި އަންހެނަކު ފެނިއްޖެ ނަމަ އެ އަންހެނަކަށް ހެސް ކިޔާފައި ބެލުމެވެ. އެ ހެދުމުގެ ކަރުވަޅުން ފެށިގެން ހެދުމުގެ އަތާއި ހެދުމުގެ ފަސް ބައި ޖަހާފައި ހުރި ގޮތްވެސް ސިކުނޑިއަށް ސްކޭންކޮށްލާނެ އެވެ. ހެދުމުގައި ގޮށެއް ހަރުކޮށްފައި އިންނަމަ ކިތައް ގޮށްކަންވެސް އެނގޭނެ އެވެ. އަނެއްހެން ބުނަންޏާ ހެދުމުގައި ޖަހާފައި ހުރީ ކިތައް ފަތިކަންވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދާނެ އެވެ.

މަގުމަތިން އެކަންޏެއް ނޫނެވެ. ކެފޭ / ރެސްޓޯރެންޓު ތަކުން ފެށިގެން ޕާޓީތަކުން ފެންނަ ރީތި ހެދުންތައް ސިކުނޑިއަށް ނަގައިގަނެ އެވެ. އެއަށްފަހު އަންނަ ދެތިން ދުވަހު ދައްކާނީ ވެސް އެވާހަކަ އެވެ. ކޮފީއަށް ގޮސް ގެންނަ ކޮފީތަށި ހިހޫ ވެގެން ދާއިރުވެސް އެނޫން ވާހަކައެއް ނޯންނާނެ އެވެ.

ދެން ދާނީ ކޮންމެވެސް ފޮތި ފިހާރައަކާއި ދިމާލަށެވެ. މުޅި މާލޭގައި އަތްފުނާ އަޅައިގެންވެސް ދެދުވަސް ކުރިން ފެނުނު އަންހެން ކުއްޖާ ލާފައި ހުރި ކަހަލަ ފޮތިކޮޅެއް ހޯދައިގެން ފަހާ ކޮންމެވެސް މީހެއް ކައިރިއަށް ދާނެ އެވެ. އަލަށް ފަހާ ހެދުން ގާތްގަނޑަކަށް އޮންނާނީ ފެނުނު ހެދުމާ އެއް ގޮތަކަށެވެ. ބައެއް ފަހަރު ކުދިކުދި ބަދަލުތައްވެސް ގެނެ އެވެ.

ބުރުގާ އަޅާ ކުއްޖެއް ނަމަ ބުރުގަލުގެ ކުލަ ތަފާތުކޮށްލަފާނެ އެވެ. އެހެން ނޫނީ އިންނާނީ "ސޭމް ޓް ސޭމް" އެވެ. ތަފާތު ގޮތަކަށް ބުރުގާ އަޅާފައި ނުވަތަ އިސްތަށިގަނޑު ހަދާފައި ހުއްޓަސް ފަޅި ސިކުންތެއްގެ ތެރޭގައި ސިކުނޑިއަށް ނަގައިގަނެ އަނެއް ދުވަހު އެ ޓްރެންޑަށް ފޮލޯ ކުރަން ފަށާނެ އެވެ.

"އަސްލުވެސް ބެލޭ ރީތި ހެދުމެއް ލާފައި ހުންނަ ކުއްޖަކު ފެނިއްޖެޔާ، ކޮންމެހެން އެ ހެދުމާ އެއް ގޮތަށް ހެދުން ފަހާކަށް ނޫން. ބައެއް ފަހަރު ފަހަން ބަދަލުތައް ގެނެސްގެން،" ފަހުގެ ފެޝަންތަކުގައި ފައިހަމަކުރާ އަންހެން ކުއްޖަކު ބުންޏެވެ. "އެކަމަކު ބަލަނީ ވީހާވެސް އެހެން މީހުންނާ ތަފާތުކޮށްލެވޭތޯ، އެކަަމަކު ފެޝަނެއް ވެއްޖެޔާ އެންމެންވެސް ފޮލޯ ކުރާނެ، އެހެންވީމަ މާބޮޑަށް ހެދުން ތަފާތެއް ނުހުރޭ،"

ގިނަ އަންހެނުން މިކަމަށް އެއްބަހެއްވެސް ނުވާނެ އެވެ. އެގޮތަށް އެހެން އަންހެނުންނަށް ބަލަނީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ ކުދިން އެކަންޏެއް ނޫނެވެ. ދޫ ކޮށް ދިގުކޮށް ހުންނަ ބޮޑުހެދުން ފާޑު ހެދުން ލާ އަންހެން ކުދިންގެ ކިބައިގައި ވެސް މި އާދަ ހުރެ އެވެ.

"އަހަރުންނަށްވެސް ފާހަގަ ކުރެވޭ ކަމެއް ތިއީ، އަންހެން ކުދިން އަންހެން ކުދިންނަށް ބަލާކަން، އެއީ ގޯސް ގޮތަކަށް ނޫން. އެކުއްޖަކު ލާފައި ހުންނަ ހެދުމާއި މޭކަޕް ކޮށްފައި ހުންނަ ގޮތާއި ހުރިހާ އެއްޗެއް ދެނެގަންނާނެ، ރައްޓެހި އަންހެން ކުދިންނާއެކީ ކޮފީތަކަށް ގޮސް އުޅޭއިރު އެންމެ ބޮޑަށް އެކަން ފާހަގަވަނީ. އެ ނޫން ވާހަކައެއް ނުދައްކާނެ އެ ދުވަހު ހަތަރުދަމު،" 23 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ބުންޏެެވެ.

މި ސިފައަކީ އެއްވެސް ވަރަކަށް ފިރިހެނުންގެ ކިބައިން ފެންނަ ސިފައެއް ނޫނެވެ. ރީތި ގަމީހެއް ނުވަތަ ޓީޝާޓެއް ލައިގެން ހުންނަ މީހަކު ފެނުނަސް އެއީ މާބޮޑު ކަމެއް ނޫނެވެ. އަދި އެއް ކަހަަލަ އެެއްޗެއް ލާފައި ހުރި އެހެން މީހަކު ފެނުމުންވެސް އެމީހުން ބޮޑަށް ވަނީ އުފަލެވެ. އަންހެނުންނާ ފިރިހެނުންގެ ވިސްނުމުގެ ތަފާތު ހަަމައެކަނި މިކަމުންވެސް ދޭހަވެގެންދެ އެެވެ.