މިއަދު މީ މިއަހަރުގެ ރޯދަމަސް ބައްދަލުކުރިން ފަހުން އައި ފުރަތަމަ ހުކުރެވެ. މިއަދުގެ ޝެޑިއުލް އެހެން މަސް ތަކުގެ ދުވަހާއި ވަރަށް ތަފާތުވާނެ އެވެ. ހެނދުނު ފެމެލީ ބްރޭކްފާސްޓަށް ގޮސް ކުދިވެރިން ގޮވައިގެން މޫދަށް ދާ ޕްލޭނެއް ނޯންނާނެ އެވެ. އެންމެ އެކުގައި މެންދުރުގެ ކެއުމަށް އިންސާފު ކުރުމެއްވެސް ނޯންނާނެ އެެވެ.
"ފެމެލީ ޑޭ"ގެ ގޮތުގައި ފާހަގަކުރާ ހުކުރު ދުވަހު މިއަދު ކުރާނެ ކަމެއް ނެތެވެ. އެހެން ހިތާ ހެނދުނު އެއްކޮށް ނިދަން އޮވެފައި ހުކުރުން އައިސް ރައްޓެހިންނާ އެކީގައި ރާޒުވާ ކުޅެން ހަދާނެ ކަމެއް ނެތެވެ. ނޫނީ ހަވީރު ދަރިފުޅު ގޮވައިގެން ދުއްވާލަން ދިއުމުން ނިމުނީއެއް ނޫނެވެ.
މިއަދު އާއިލާ އާ އެކު ފިރިހެނުންވެސް ބަދިގެއަށް ވަދެ ރޯދަވީއްލަން އެއްޗެހި ހަދަން ކިހިނެއް ވާނެ ހެއްޔެވެ؟ ހަފްތާގެ ހުރިހާ ދުވަހެއްގައި އެ މަސައްކަތުގައި އުޅުނީ ގޭގައި އުޅުނު އަންހެނުންނެވެ. ވަޒީފާއަށް ދާނަމަ ގޮސް އައިސް އެ ވަރުބަލިކަންމަތީގަ އެވެ. އެކަމަކު މިއަދު ކުޑަކޮށް އެމީހުންނަށް އަތްގާތް ކޮށްލަދީ ހަދާލުން ކިހިނެއް ވާނެ ހެއްޔެވެ؟ އެމީހުންނަށް ރެސްޓް ކޮށްލަން އެހީވުން ކިހިނެއް ވާނެ ހެއްޔެވެ؟
އާއިލާ އާ އެކީގައި އުފާވެރި އަދި މަޖާ ވަގުތުތަކެއް ހޭދަ ކުރެވޭނެ އެވެ. މީގެ އިތުރުން ރޯދައަށް ހުރެ ކައްކާއިރު އެއްޗެހީގެ ރަހަ ހެޔޮވަރު ކުރަން ކުރާ މަސައްކަތްވެސް ފެނިގެންދާނެ އެވެ. އެންމެ ދުވަހަކު މިހެން އެހީވި ނަމަވެސް ދެން އެހެން ދުވަހަކު ރޯދަވީއްލާ ވަގުތު ކާއެއްޗެހީގެ ރަހައަށް ފާޑު ކިޔާކަސް ނުކުރޭނެ އެވެ.
މީގެ އިތުރުންވެސް މުޅި ދުވަސް އާއިލާ އާ އެކީގައި ހޭދަކުރެވިދާނެ އެވެ. އެންމެން އެކުގައި ޤުރުއާ ކިޔަވާލާ އާއިލާ ގޭގެއަށް ޒިޔާރަތްވެސް ކޮށްލެވިދާނެ އެވެ. ނުވަތަ ކުދިން ގޮވައިގެން ކޮންމެވެސް ޕާކެއް ކަހަލަ ތަނަކަށް ގޮސް ކުދިންނާ އެކު ކުޅެ ވަގުތު ހޭދަ ކުރެވިދާނެ އެވެ. ނޫނީ ގޭގައިވެސް އާއިލާ އެކުގައި ގޭމެއް ކުޅެ "ފެމެލީ ޓައިމް" އެއް ހޭދަކޮށްލެވޭނެ އެވެ. ނުވަތަ އެކުގައި ކޮންމެވެސް ދީނީ ޕްރޮގްރާމެއް ނުވަތަ އެހެންވެސް ޕްރޮގްރާމެއް ބެލިދާނެ އެވެ.
މީގެ އިތުރުން ދުރުގައި އުޅޭ އާއިލާ މީހުންނަށް ރޯދަ ވީއްލުމަކަށް ދައުވަތު ދިނުން ކިހިނެއް ހެއްޔެވެ؟ ހުރިހާ ކުދިން ވެގެން މަންމަ އާއި ބައްޕަ އާ ބައްދަލުކޮސްލާ އެކުގައި ރޯދަ ވީއްލަން މިކަހަލަ ފުރުސަތެއް ނުލިބިދާނެ އެވެ. ހައްތަހާވެސް އާއިލީ ދުވަހަކަސް ހަދަން ކުރެވިދާނެ ކަންކަމެވެ. އަދި އެހާމެ އުފާވެރި ހަނދާންތަކެއް ރައްކާކުރެވޭނެ ކަންކަމެވެ.