މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ދެ އަންހެނުން ހައްޔަރުކޮށްފި

Jun 4, 2017
1

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ އަންހެނުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ އަންހެނަކާއި އުމުރުން 19 އަހަރުގެ އަންހެނެކެވެ. އެ ދެމީހުންގެ ތެރެއިން 52 އަހަރުގެ އަންހެންމީހާ ހައްޔަރުކުރީ އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތ. ވިލުފުށި ބަނދަރުމަތިންނެވެ. ފުލުހުން ވަނީ އެ އަންހެންމީހާ ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ. އަދި އެވަގުތު އޭނާގެ އަތުގައި އޮތް ޕްލާސްޓިކް ދަޅެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ސެލޯފިންގަޑެެއް ފެނިފައި ވެއެވެ.

އުމުރުން 19 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް މާފުށި ބަނދަރުމަތިންނެވެ. ފުލުހުން ބުނީ ބަނދަރުމަތިން އެމީހާ ހުއްޓުވާ ބަލައި ފާސްކުރިއިރު އެމީހާގެ އަތް ދަބަސްތެރެއިން މަސްތުވާތަކެތި ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.

އެ އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު މާފުށި ފެރީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި އަޅާފައިހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.