ލައިފްސްޓައިލް

ކުރިން ނޯ ޖެހިޔަސް ފަހުން ގަދަ ލޯބި ވެދާނެ!

Jun 5, 2017
2

އެންމެ ފުރަތަމަ އަންހެން ކުއްޖަކާ ފެނި ހިތުގައި ތަފާތު ވިކާލައި އަވަސް ވިންދުތަކެއް ޖަހާލީ އޭ ލެވެލް ހަދަން އުޅުނު އިރު ސްކޫލްގެ ތެރެއިންނެވެ. އޭރުއްސުރެ އެ ކުއްޖާއަށް ޝައުގުވެރިވެ އޭނާ ހާސިލްކުރަން ހިތުލައިގެން ރައްޓެހިކަން ބާއްވަން މަސައްކަތް ކުރެވެއެވެ. އެތައް ދުވަހަކަށްފަހު ވާހަކަ ދެއްކި އެކުއްޖާގެ ރައްޓެއްސަކަށް ވެވުނު ނަމަވެސް ލޯބިވާ ވާހަކަ ބުނި ދުވަސް އެއީ އެކުވެރިކަންވެސް ނިންމާލަން ޖެހުނު ދުވަހެވެ.

އެ ދުވަހު މޫނު މައްޗަށް "ޗީ! ނޯ" އޭ ބުނެފައި ދިޔައީ އޭރު ތުނބުޅީގައި ލޯލި ކޮޅެއް ހުރެފައި ވަރުގަދަ ހަށިގަނޑެއް ނެތީމަ ކަމަށް ވެދާނެ އެވެ. އަމިއްލަ ސައިކަލެއް ނެތުމާއި ހިނގާފައި އުޅޭތީ ކަމަށް ހީކޮށް އެ އަންހެން ކުއްޖާދެކެ ފޫއްސެއްވި އެވެ. ހަތަރު ވަރަކަށް އަހަރު ފަހުން މަތީ ތައުލީމް ނިންމާލަފައި ވަޒީފާއަށް ދާން ފެށިއިރު އެ އަންހެން ކުއްޖާގެ މަތިން ހަނދާނެއް ނެތެވެ.

އެހެން ނަމަވެސް އިއްތިފާގުން ވަޒީފާއަށް ދެވުނީ އެ ކުއްޖާ އާ އެއް އޮފީހަކަށެވެ. މަސައްކަތް ކުރަން ޖެހުނީ އެއް ސެކްޝަނެއްގަ އެވެ. ހިތުގައި ކަނެއްގައި ފަސް އަޅާ ފޮރުވިފައި ހުރި އިހުސާސްތައް އަނެއްކާވެސް ހޭލައިގަތެވެ. ދެވަނަ ފަހަރަށްވެސް މަޑުމަޑުން އެކުވެރިކަން އުފެއްދުމަށްފަހު "ޑޭޓަކަށް" ދާން އެދުނީމެވެ. މިފަހަރުވެސް "ނޯ" އެވެ. މިހާ ހިސާބުން އެކުއްޖާ މަތިން އެއްކޮށް ހަނދާން ނައްތާލަން ވީ ހެއްޔެވެ؟ ދުވަހަކުވެސް އެކުއްޖާ ނުލިބޭނީ ހެއްޔެވެ؟

ބައެއް މީހުން ބުނަނީ އެކުއްޖާ މަތިން ހަނދާން ނައްތާލާފައި އެހެން ކަމެއް ކުރިއަށް ގެންދާށެވެ. އެކުއްޖާގެ އިންތިޒާރުގައި މުޅި އުމުރު ހޭދަކޮށްލުމަކީ މޮޔަ ކަމެކެވެ.

އެއީވެސް މުޅިއަކުން ދޮގެއް ނޫނެވެ. އެކަމަކު ބަސްނާހާ ހިތަށް އެކަން ވިސްނައިދިނުމަކީ ގިނަ ފަހަރަށް ކުރަން އުނދަގޫ ކަމެކެވެ. އެހެންވީމަ އަދިވެސް އެކުއްޖާ ހާސިލް ކުރަން މަސައްކަތް ކުރަންވީ އެވެ. އޭނަ ދިން ޖަވާބުން އެކުވެރިކަން ކަނޑާނުލައި އަދިވެސް އެ އެކުވެރިކަން ގާތް ކުރަން މަސައްކަތް ކުރާށެވެ. އޭރަށް އޭނަގެ ސިއްރުތައް އެނގޭނެ އެވެ، ދެވަނަ ފަހަރަށްވެސް ނޫނެކޭ ބުނީ ކޮން ސަބަބެއްކަން އޮވެގެންކަން އެނގޭނެ އެވެ.

ފަހަރުގައި އޭރު އެހެން މީހަކާ ގުޅިގެން އުޅެނީ ކަމަށް ވެދާނެ އެެވެ. ނޫނީ "ބްރޭކްއަޕް" އަކަށްފަހު ހިތަށް އަނިޔާ ލިބެމުން ދިޔަ ދުވަސްކޮޅަކަށްވެސް ވެދާނެ އެވެ. ފިރިހެނުން މަތިން ފޫހިވެ އެކަހަލަ ނިޔަތެއްގައި ފިރިހެނަކާއި ވާހަކަ ނުދައްކަން ހިތުއަޅައިގެން ހުރި ދުވަސްވަރަކަށްވެސް ވެދާނެ އެވެ.

އެހެން ވެއްޖެނަމަ އެންމެ ބޮޑަށް ބޭނުންވާނީ ސާފު ލޯތްބެއްގެ އަޅާލުމާއި އޯގާތެރިކަމެވެ. އެކަން ނަގައިގަންނަން ދުވަސް ކޮޅެއް ހޭދަވެދާނެ އެވެ. އެހެން ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އަޅާލުމާއި ލޯބި ލިބިއްޖެނަމަ މިފަހަރު އެހިތުން ޖާގައެއް ހޯދޭނެ އެވެ.

އެ ދުވަހު އެ ހިތްވަރުކޮށް އެކުވެރިކަމުގެ ތެރެއިން އަޅާލުމާ ލޯބީ ދީގެން އެ އަންހެން ކުއްޖާގެ ހިތުން ޖާގަ ހޯދާ މިއަދު ކައިވެންޏާ ހިސާބަށް އާދެވިއްޖެ އެވެ. އެންމެ ފުރަތަމަ ފަހަރުހެން ތި ލޯތްބަށް "ނޫނެކޭ" ބުނުމުން އެކަން ނުވާނެ ކަމަށް ބަލާފައި ދިޔަ ނަމަ މިއަދުވެސް ހުންނަން ޖެހޭނީ އެ ލޯބި ނުލިބުނު ކަމުގެ ހިތާމައިގަ އެވެ.