ކައިވެނިކޮށްގެން ދުވަސްތަކެއް ވެގެންދާއިރު އެކަކު އަނެކަކުގެ އިހުސާސްތައް ވަރަށް ބޮޑަށް ދެނެގެނެވެ އެވެ. އަނބިމީހާ ދެވަރެ ނުވަތަ ހިންހަމަނުޖެހިފައި ނުވަތަ ރުޅި އައިސްފަ ހުރިކަން ފިރިމީހާއަށް އެނގޭނެ އެވެ. އަނބިމީހާ ހުންނަނީ އުފަލުން ނޫންކަންވެސް އެނގޭނެ އެވެ. އެކަން އިހުސާސް ކުރެވޭނެ އެވެ. އެހެންނަމަވެސް ބައެއް ފިރިން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އަރާރުމަކަށް ނުގޮސް އެކަން ހައްލުކުރަން ކުރާނެ ކަމެއް ވިސްނުމަށް ނާންނަނީ ކަމަށްވެސް ވެދާނެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް އަނބިމީހާގެ އުފާވެރިކަން ނިގުޅައިގަނެވެނީ ފިރިމީހާއަށް ކަން ފިރިމީހާ ދަންނަންވާނެ އެވެ. ގިނަ ފިރިން މިކަން ގަބޫލެއ ނުކުރެ އެވެ. އެކަން ގަބޫލުނުކޮށް ހައްލުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ގަބޫލު ނުކުރެވުނަސް އަނބިމީހާއަށް ދޭން ޖެހޭ ފުރިހަމަ ސަމާލުކަމެއް ނުދެވެ އެވެ. ވަޒީފާ އިން އަންނަ ގޮތަށް ވަރުބަލި ފިލުވާލަން ޖައްސާ ލެވެނީ އެވެ. ކުޑަކޮށް ނިދާލާފައި ހޭލާއިރު އޮންނަނީ ކޮފީތަކަށް ދައުވަތު ލިބިފަ އެެވެ. ރޭގަނޑޫ ނިދުމާ ހަމައަށް ދެން އޮންނާނީ ކޮފީއަށް ދިއުމެވެ. ފުޓުބޯޅަ މެޗެއް އަންނަންޏާ ގެއަށް ގެއްލިފައި އިނުމެވެ. އެއަށް ފަހު މެޗާ ބެހޭގޮތުން ސޯޝަލް މީޑިއާގެ ފޯރީގައި ޖެހި އެތައް ވަގުތެއް ހޭދަކުރުމެވެ. ނިދަން ގެއަށް ވަދެވޭއިރު ދަންވަރު އެކެއް ޖަހާ ފަހުންނެވެ. އޭރު އަންހެނުންނާ ދަރިން ތިބޭނީ ނިދާފަ އެވެ. ދުވަސް ނިމުނީ އެވެ. އަނބިމީހާ އާ ރަނގަޅަށް އަނގައިން ނުބުނެވި އެވެ. ވާހަކަ ދެއްކުނު ވަގުތުގައިވެސް ދެލޯ އަމާޒުވެފައި އިނީ ފޯނަށެވެ.
އާންމުކޮށް ދިރިއުޅުމުގެ ކަންކަން ނިންމާ އިސް މީހަކީ ފިރިމީހާ އެވެ. އެހެން ނަމަވެސް އަނބިމީހާގެ ހިޔާލު އެކަމުގައި ހޯދާލުމަކީ މުހިންމު ކަމެކެވެ. އޭގެ ބަދަލުގައި އަނބިމީހާ ދޭ އެެއްވެސް ހިޔާލެއް ގަބޫލުނުކޮށް އަމިއްލައަށް ބޭނުންވާ ގޮތަށް ކަންކަން ނިންމުމަކީ ބާކީކަން އިހުސާސް ކުރެވޭނެ ކަމެކެވެ.
ފަހަކަށް އައިސް ހުރިހާ ކަމެއް ހިނގަނީ އެއް ގޮތަކަށެވެ. ކޮންމެ ދުވަހަކު ހޭލައިގެން ވަޒީފާއަށް ދިއުމާ ގެއަށް އައުމާ ނިދުމެވެ. ބަންދު ދުވަސްތަކުގައި މިހާރުވެސް އާއިލާ އެކުގައި މޫދަށް ގޮސްލާ މަސް ދަތުރުތައް ވެސް ދެވިދާނެ ނޫން ހެއްޔެވެ؟ އެކަމަކު މިހާރު އެއިން ކަމެއް ނެތެވެ. ހިނގާލަން ނުދެވޭނެ ސަބަބެއްވެސް ނެތެވެ. ނޫނީ އަނބިމީހާ އާ އެކުގައި ބަދިގެއަށް ވަދެ ދެމީހުން އެކީ ކައްކާލަން އެންމެ ރަނގަޅުވާނެ އެވެ. އަނބިމީހާގެ އުފާވެރިކަން އަނބުރާ އަންނާނެ އެވެ.
އޭގެ އިތުރުން ގޭތެރޭގެ ކަންކަމުގައި އަނބިމީހާ އަށް އެހީތެރިވެދޭށެވެ. އެއީކީ އަނބި ދަށުވުމެއް ނޫނެވެ. ގޭތެރެ ކުނި ކަހާލާ، އެއްޗެހި ހިއްކަން އެޅުމަކީ ހަމައެކަނި އަނބިމީހާ ކުރަން ޖެހޭ ކަމެއް ނޫނެވެ. ދަރިންގެ ކަންތައްތަކުގައިވެސް އެހީތެރިވެދޭންވީ އެވެ. ގޭތެރޭގެ ކަންތައްތަކުގެ ޒިންމާ އަނބިމީހާ އެކޭ އެއްވަރަށް ފިރިމީހާ ވެސް ނަގަން ޖެހޭނެ އެވެ.
އެންމެ މުހިންމު ކަމަކީ ވާހަކަ ދެއްކުމެވެ. ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށްވުރެ ފަސޭހަ ގޮތެއް ނޯންނާނެ އެވެ.