ލައިފްސްޓައިލް

ރޮނާލްޑޯ ބޯ ކޮށީ ވައުދެއް ފުއްދަން!

Jun 6, 2017
1

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ރޮނާލްޑޯގެ ފޭނުންގެ ފަރާތުން އަނެއްކާވެސް އޭނާ އަށް ތައުރީފުތައް އޮއްސަން ފެށީ އެވެ. އޭނާގެ މޮޅު ކުޅުމުގެ ވާހަކަ އެންމެންގެ ދުލު ކުރިއަށް އައިސްފައިވަނިކޮށް ރޮނާލްޑޯ މިވަނީ އޭގެ މިސްރާބު ބަދަލުކޮށްލާފަ އެވެ. ހެއާ ސްޓައިލް އެއްކޮށް ބަދަލުކޮށްލާފަ އެވެ.

ރޮނާލްޑޯގެ ޓްރޭޑްމާކް ހެއާ ސްޓައިލް ގެ ގޮތުގައި ބެލެވިފައި އޮންނަ ސްޕައިކް އިސްތަށިގަނޑު މިވަނީ ތަލަ ފެންނަ ވަރަށް ތުނިކޮށް ކޮށާލާފަ އެވެ. އެ ސްޓައިލާ ބެހޭގޮތުން ނިމުމެއް ނެތް ބަހުސަކަށް މިހާރު ވަނީ ގޮސްފަ އެވެ. އާ ހެއާ ސްޓައިލާއެކު ރޮނާލްޑޯ އިންސްޓަގްރާމަށްލީ ފޮޓޯ ޝެއާކޮށް ގިނަ ބަޔަކު ވަނީ ކޮމެންޓުކޮށްފަ އެވެ.

ބައެއް މީހުންނަށް އެ ބަދަލު ކަމުވެސް ދިޔަ އެވެ. އަނެއް ބަޔަކަށް މާ ބޮޑަކަށް ކަމަކު ނުދިޔަ އެވެ.

އެންމެ ގިނަ ބަޔަކު އުފައްދާ ސުވާލަކީ ރޮނާލްޑޯގެ އާ ހެއާ ސްޓައިލްގެ ފަހަތުގައި ވަނީ ކޮން ކަމެއް ހެއްޔެވެ؟ ނުވަތަ ކާކު ހެއްޔެވެ؟ ރޮނާލްޑޯ މިވަނީ އެއަށް ޖަވާބު ދީފަ އެވެ. ރޮނާލްޑޯ ބުނަނީ އެއީ ވައުދެއް ކަމަށެވެ. ބޯ ކޮށާލީ ވައުދު ފުއްދަން ކަމަށެވެ.

ރޮނާލްޑޯ ވީ ކޮން ވައުދެއް ހެއްޔެވެ؟

"އެއީ ވައުދެއް، އަހަރެން ވައުދު ވީ އަހަރުމެންނަށް ޗެމްޕިއަން ލީގު ކާމިޔާބު ކުރެވިއްޖެނަމަ އަދި އަހަންނަށް ލަނޑެއް ޖެހިއްޖެނަމަ ބޯ ބާލަން. އެކަން ފުރިހަވެއްޖެ،" ރެއާލް މެޑްރިޑް ޓީވީއަށް ދިން އިންޓަވިއު އެއްގައި ރޮނާލްޑޯ ބުނެފައިވެ އެވެ.

ފުޓު ބޯޅައިގެ ދުނިޔެއަށް ރޮނާލްޑޯ ލޯ ހުޅުވާލީއްސުރެ އޭނާގެ ހެއާ ސްޓައިލަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މިއީ ބަދަލެއް ގެނަ ފުރަތަމަ ފަހަރެވެ.