ކުޅިވަރު

ބެންޒެމާގެ ރޯދަ ވީއްލުން އިސްތަންބޫލްގެ މަގުމަތީގައި

Jun 7, 2017

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން މިހާރު ވަނީ ނިމިފައެވެ. ކުޅުންތެރިން ޗުއްޓީއަށް އެކި ތަންތަނަށް ޒިޔާރަތް ކުރާއިރު، ރޯދަ މަސް ކަމަށްވުމުން، މުސްލިމް ކުޅުންތެރިންގެ މަންޒިލް ތަފާތެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ތަރި، ޕައުލް ޕޮގްބާ ޒިޔާރަތް ކުރީ މައްކާ އަށެވެ. އުމުރާއެއް ވުމަށެވެ. ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާ މިއުޅެނީ ޔޫރަޕްގެ މުސްލިމުންގެ ހިތް ތުރުކީގަ އެވެ.

ތުރުކީގެ އެންމެބޮޑު ސިޓީ އިސްތަންބޫލްގައި އޭނާ ވަނީ އިއްޔެ ރޯދަ ވިއްލުމެއްގައި ބައިވެރިވެފައެވެ. އާންމުންނަށް ހުޅުވާލެވިގެން ބޭއްވި ރޯދަ ވީއްލުމުގައި ބެންޒެމާ ބައިވެރިވާ ފޮޓޯތައް ސްޕެއިންގެ ކުޅިވަރު މީޑިއާތަކާއި ތުރުކީގެ މީޑިއާތަކުގައި ދަނީ ދައުރު ވަމުން ނެވެ.

ބެންޒެމާ އަކީ ފްރާންސްގެ އަލްޖީރިއާ ދަރިކޮޅުގެ މީހެކެވެ. އޭނާގެ އާއިލާއަކީ ވެސް މުސްލިމް އާއިލާއެކެވެ. އިސްތަންބޫލްގެ ފާތިހް ޕްރޮވިންސުގެ މުނިސިޕަލް ކައުންސިލުން އިންތިޒާމު ކުރި ރޯދަ ވިއްލުމުގައި ބެންޒެމާގެ އިތުރުން، އެފްރިކާ ބައްރުގެ ބައެއް ފުޓްބޯޅަ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

ތުރުކީގެ ސިޓީތަކުގައި ޕްރޮންވިންސްތަކުން ރޯދަ މަހުގެ ކޮންމެ ދުވަހަކު، ރޯދަ ވިއްލުން ބާއްވަ އެވެ. އެއީ ޕްރޮވިންސްގެ މީހުން އެއްތާކުން ބައްދަލުވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، ހިންގާ ހަރަކާތެކެވެ.

ބެންޒެމާ، ފާތިހް ޕްރޮވިންސަށް ދިޔައީ، އެ ޕްރޮވިންސްގެ މޭޔަރު މުސްތޮފާ ދިމީރު ދެއްވި ދައުވަތަކަށެވެ. ރޯދަ ވިއްލުމަށް ދިއުމުގެ ކުރިން، ބެންޒެމާ ވަނީ މުނިސޕަލް އޮފީހަށްގޮސް، އެތަން ބަލާފަ އެވެ. އަދި ދިމީރު ވަނީ، އިސްތަންބޫލް ސުލައިމާނިއްޔާ މިސްކިތް ރަމްޒުކޮށްދޭ ހަނދާނެއް، ބެންޒެމާ އަށް އަރުވާފަ އެވެ. ރޯދަ ވިއްލުމުގައި ދިމީރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެގޭފަހުން ބެންޒެމާ ވަނީ ފަތިހް ޕްރޮވިންސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔެއް ކަމަށްވާ، ޒެކެރިޔާ އަކްގުލް އަށް ޒިޔާރަތް ކޮށްފަ އެވެ. ޒަކަރިއްޔާ އަކުގުލްއަކީ މީގެ ނުވަ އަހަރު ކުރިން ކުރިމަތިވި އެކެސިޑެންޓެއްގައި، ޕެރަލައިޒް ވެފައިވާ ކުޅުންތެރިޔެކެވެ.