ދިރިއުޅުމުގެ ހުރިހާ ކަމެއް ފޭސްބުކާ ހިއްސާ ކުރާ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް ލޯބީގެ ގުޅުމުގެ ވާހަކަ އެވެ. އެ ގުޅުމެއްގެ އުފާވެރިކަން މީހުން ދެނެގަންނަނީ ފޭސްބުކް ޕޯސްޓުތަކަށް ބަލައިގެންނެވެ. ދެ މީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައި ނަގާފައި ހުންނަ ފޮޓޯތައް ޕޯސްޓުކޮށް ލޯބިވާ ވާހަކަ އެ ޕޯސްޓުތަކުގައި ބުނެފައި ހުންނަނަމަ އެއީ ވަރަށް އުފާވެރި ގުޅުމެކޭ ގިނަ މީހުންނަށް ހީވެ އެވެ.
އެހެން ނަމަވެސް ދިރާސާތަކުގައި ބުނަނީ އެހެން ވާހަކަ އެކެވެ. އުފާވެރި މީހުން އެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ފޭސްބުކްގައި ޕޯސްޓުކޮށް ނޫޅޭނެ އެވެ. ހާއްސަކޮށް އެމީހުންނަށް ވަގުތު ނުވާނެތީ އެވެ. ލޯބިވާ ވަރާއި ހާއްސަވާ މިންވަރު ބަޔާންކޮށް ބޮޑެތި ޕެރެގްރާފްތައް ލިޔަން އެމީހުންނަކަށް ވަގުތެއް ނޯވެ އެވެ. ދެ މީހުން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަން ގިނަ ވަގުތު ހޭދަވާތީ އެވެ. އަދިވެސް އިތުރު ސަބަބުތަކެއް އެބަހުއްޓެވެ.
އެއް ކަމަކީ އެމީހުންނަކީ އެހެން މީހުންގެ ރުހުން އެ ގުޅުމަށް ހޯދަން ބޭނުންނުވާ މީހުންނެވެ. އެހެން މީހުންނަށް އެކަން އެންގުމުގެ ބޭނުމެއް ނެތެވެ. އެއީ އުފަލުގައި އުޅޭ ބައެއްކަން އެހެން މީހުންނަށް އަންގާ އެެހެން މީހުންގެ ހަސަދަ ވެރިކަމެއްގައި ޖެހެން އެމީހުން ބޭނުމެއް ނޫނެވެ. ފޭސްބުކްގައި ވެސް އާންމު ދިރިއުޅުމުގައި ވެސް ހުރިހާ އެންމެނަކީ ހެޔޮއެދޭ މީހުންނެއް ނޫނެވެ. ފަހަތަށް އެނބުރުނީމަ ގަޔަށް ވިހަލާ މީހުންވެސް ގިނަ ވީމަ އެވެ.
ދެ މީހުން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަ ކުރާއިރު ވާހަކަ ދެއްކުމާއި ސަކަރާތް ޖެހުން ނޫން ކަމެއް ނެތެވެ. އެކުގައި ފޮޓޯ ނަގަން ވަގުތު ކުޑަ އެވެ. އެމީހުން އަަބަދުވެސް އެ ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން މަސައްކަތް ކުރެ އެވެ. އެންމެ އުފާވެރި ވަގުތުތަކުގައި ފޮޓޯ ނަގާ ސްނެޕްކޮށް ފޭސްބުކް އަށް ލާން ވެެއްޖެޔާ ޑިސްޓްރެކްޓްވެ ދެ މީހުން ދުރުވެވޭނެ އެވެ. ދެވަނަ ފަހަރަށް އެ ވަގުތުކޮޅެއް ނާންނާނެ އެވެ.
މީގެ އިތުރުން އެހެން ބަޔަކަށް އެއްޗެއް ސާބިތުކޮށްދޭން ބޭނުންނުވާތީ އެވެ. އެމީހުންނަކީ އުފަލުގައި އުޅޭ ބައެއްކަން އެހެން މީހުންނަށް ސާބިތުކޮށް ދިނުމުގެ ބޭނުމެއް ނުފެނެ އެވެ. އެކަމަށް ހެއްކެއް ދައްކާކަށްވެސް ނުޖެހެ އެވެ.
ފޭސްބުކްގައި މީހުން ޕޯސްޓު ކުރަނީ ހަމައެކަނި އުފާވެރި ވަގުތުތަކާއި ލޯބީގެ ވާހަކައެއް ނޫނެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ ރުޅި އައިސްގެން އެއްޗެހި ކިއުމާއި އަރާރުންވުންވެސް އޮންނަނީ އެތަނުގަ އެވެ. އުފާވެރި އަދި ފެސްބުކްގައި އެފަދަ ޕޯސްޓުތައް ނުކުރާ މީހުން ބުނަނީ އެއީ އެމީހުން އެންމެ ރަނގަޅަށް "މެޗުއާ" ނުވާތީ ކަމަށެވެ. އެހެން މީހުންނަށް ނާނގާ އެކަން ދެ މީހުން އަމިއްލަ އަށް ހައްލު ކުރަން ނޭނގޭތީ ކަމަށެވެ.