ގަތަރު

ރޯދަ ނުނިމެނީސް ގަތަރު މައްސަލަ ހައްލުވާން ޖެހޭ: އުރުދުޣާން

Jun 11, 2017

ގަތަރާއި އަރަބި އެހެން ގައުމުތަކާ ދެމެދު މިހާރު އުފެދިގެން އުޅޭ މައްސަލަ މި ރަމަޟާން މަސް ނިމުމުގެ ކުރިން ހައްލުވާން ޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ވެލްލޫތު ކަވުސޮގްލޫ އާ ހަވާލާދީ ހުއްރިއްޔަތު ޑެއިލީ ނޫހުން ބުނީ އަރަބި ގައުމުތަކުން ގަތަރާއި ގުޅުން ކަނޑާލައިގެން އުޅޭ އުޅުމަކީ ދީނާއި އަގީދާއާއި އާދަކާދަޔާ ސަގާފަތާ ވެސް ހިލާފު ހިތާމަވެރި ކަަމެއް ކަމަށް އުރުދުޣާން ސިފަކުރެއްވި ކަމަށެވެ.

ކަވުސޮގްލޫ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ބަހުރައިންގެ ފޮރިންް މިނިސްޓަރު ޝައިޚު ޚާލިދު ބިން އަޙުމަދު ބިން މުޙައްމަދު އަލް ޚަލީފާއާއި އެކު އިސްތަންްބޫލްގައި އިއްޔެ ބޭއްވި ގުޅިފައިވާ ނޫސް ކޮންފަރެންސްގަ އެވެ. ގަތަރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަވުސޮގްލޫ ވާހަކަފުޅު ދެއްކެވި ނަމަވެސް ބަހްރައިނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ބަހުރައިނާއި ގަތަރާ ދެމެދު އޮތް މައްސަލަ ނިމުމަކަށް ގެނައުމަށް ގަތަރުގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ސާނީ އެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ އެހެނަސް ވަރަށް މުއްސަނދި ގައުމެކެވެ. އެގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.