ދުނިޔެ

ޣައްޒާ ސުލްހައިގެ މަޝްވާތައް ދޫކޮށެއް ނުލަން: ގަތަރު

ޣައްޒާ ސުލްހައިގެ މަޝްވަރާތައް ގަތަރުން ދޫކޮށްލައިފި ކަމަށް ބުނެ މީޑީއާތަކުން ދައްކާ ވާހަކަތައް އެ ގައުމުން ދޮގުކޮށްފި އެވެ.

ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މަޖީދު ބިން މުހައްމަދު އަލްއަންސާރީ ވިދާޅުވި ގޮތުގައި ޣައްޒާ ސުލްހައިގެ ވާހަކަތަކުގައި ގަތަރުން އަދާކުރި މެދުވެރިއެއްގެ ދައުރު ދޫކޮށްލައިފި ކަމަށް ބުނެ މީޑިއާތަކުން ދައްކާ ވާހަކަތައް މުޅިން ރަނގަޅެއް ނޫނެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން ސުލްހައިގެ ވާހަކަތައް މިވަގުތަށް އޮތީ މެދުކެނޑިފަ އެވެ. ކުރިއަށް އޮތް މަޝްވަރާތަކުގައި ގަތަރު ބައިވެރިނުވާ ގޮތަށް އަދި ނިންމާފައި ނުވާނެ ކަމަަށް އޭނާ ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ ގަތަރުގެ ބުނުމަކީ ސުލްހައިގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ދިގުލައިގެންދާނަމަ އަދި މަޝްވަރާތަކުން ނަތީޖާއެއް ނުނިކުންނަނަމަ -- ގަތަރަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަން ބަޔަކު ކުރާ މަޝްވަރާއެއްގައި ގަތަރު ބައިވެރިވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ގަތަރުގެ ދައުރަކީ މެދުވެރިއެއް ނުވަތަ ބައިވެރިއެއް ނަމަވެސް އެކަމުގައި ތަފާތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުގައި ގަތަރު އަދާކުރާ ދައުރު ބަޔަކަށް ކަމުނުދާނަމަ ހައިސިއްޔަތު ބަދަލުކުރުމަކީ ގަތަރަށް ދަތިކަމެއް ނޫން ކަމަށެވެ.

ގަތަރަށް ބިރުދައްކައި ސުލްހައިގެ ވާހަކަތައް ކުރިއަށް ނުގެންދިއުމަށް ބަޔަކު ބާރުއަޅާނަމަ މަޝްވަރާތައް ދޫކޮށްލަން ޖެހިދާނެ ކަމަށްވެސް އެ ގައުމުން ބުންޏެވެ.

ތަރުޖަމާންގެ ނަސޭހަތަކީ މައުލޫމާތު ހޯދަން ޖެހޭ ރަސްމީ އިދާރާތަކުން ހޯދުމެވެ. އަދި އިތުބާރުކުރެވޭ ދިމަދިމާއިން މައުލޫމާތު ހޯދުމެވެ.

ގަތަރުގައި ތިބި ހަމާސްގެ ލީޑަރުން އެ ގައުމުން ބޭރުކުރާ ކަމަށް ބުނެ ދައްކަނީވެސް ފުލެއް ބިތެއް ނެތް ވާހަކަތަކެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

މައުލޫމާތުގެ ރަނގަޅު ގޮތަކީ ޣައްޒާ ހަނގުރާމަ ހުއްޓުވައި ސުލްހަވުމަށް ކުރާ މަސައްކަތްތަކުގައި ހަމާސް ބައިވެރިވާނެކަން ކަމެވެ. މި ސަބަބަށްޓަކައި ހަމާސްގެ ބައެއް ވެރިން ގަތަރުގައި އަދި ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.