ދުނިޔެ

ޓްރަމްޕްގެ "ޓްރެވެލް ބޭން" އަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު

Jun 13, 2017

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަ ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރަން އަމުރު ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރަށް އަމަލު ނުކުރަން ދަށު ކޯޓަކުން ކޮށްފައިވާ އަމުރަކަށް އެޕީލް ކޯޓަކުން އަނެއްކާ ވެސް ތާއީދު ކޮށްފި އެވެ.

އެޕީލް ކޯޓުން މިފަހަރު ދެމެހެއްޓީ ޓްރަމްޕްގެ ގަރާރަށް އަމަލުނުކުރަން ހަވާއީގެ ޑިސްޓްރިކްޓް ކޯޓުން ކޮށްފައިވާ އަމުރެވެ. ހަވާއީގެ ޑިސްޓްރިކްޓް ކޯޓްގެ އަމުރު ދެމެހެއްޓުމުގައި އެޕީލް ކޯޓުން ރިއާޔަތް ކުރި އެއް ކަމަކީ ޖޫމް މަހުގެ ފަސް ވަނަ ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއް ކަމަށް ބީބީސީން ބުންޏެވެ.

އެޕީލް ކޯޓްގެ އެ އަމުރަށް ޓްރަމްޕް ސަރުކާރުގެ އެޓާނީ ޖެނެރަލް ޖެފް ސިޝަންސް ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޓްރަމްޕްގެ ގަރާރު އޮތީ އެެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުމަށް ރައީސަށް ލިބިދޭ ގާނޫނީ ބާރުގެެ ތަރަހައިގެ ތެރޭގައި ކަމަށެވެ.

ހަވާއީގެ އެޕީލް ކޯޓުން ކުރި އެ އަމުރު އެމެރިކާ ސަރުކާރުން ސުޕްރީމް ކޯޓްގައި އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެއެވެ. އެފަދަ ދެ މައްސަލައެއް ޓްރަމްޕް ސަރުކާރުން މިހާރުވެެސް ވަނީ ސުޕްރީމް ކޯޓަށް ވައްދާފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓްރަމްޕް ގޮވާލައްވާފައި ވަނީ އެމެރިކާއަށް މުސްލިމުން ދަތުރުކުރުން މުޅިން މަނާ ކުރުމަށެވެ. ނަމަވެސް އޭނާ ރައީސް ކަމަށް ވަޑައިގެން އަމުރު ނެރުއްވީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަށް ގައުމަކާ ދެކޮޅަށެވެ. އެގޮތަށް އަމުުރުކުރައްވައި ނެރުއްވި ގަރާރަށް އަމަލުކުރުން އެމެރިކާގެ ސްޓޭޓްތަކުގެ ކޯޓުތަކުން ހުއްޓުވަން ފެށުމުން ޓްރަމްޕް ވަނީ ގަރާރު މުރާޖައާ ކުރައްވާފައެވެ. އެގޮތުން މުރާޖައާ ކުރެއްވުމަށް ފަހު ނެރުއްވި ގަރާރުގައި ހިމަނުއްވާފައި ވަނީ ހަ ގައުމެކެވެ. އެއީ ލީބިޔާ، ސޫރިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނެވެ.