ހަބަރު

ޕާޓީތަކުގެ ހުރިހާ މަސައްކަތަކީ ވެރިކަން ހޯދުމަށް ހަދައިގެން ނުވާނެ: މައުމޫން

Apr 9, 2015

ސިޔާސީ ޕާޓީތަކަކީ ހަމައެކެނި ވެރިކަން ހޯދަން މަސައްކަތް ކުރާ މުއައްސަސާއެއް ނޫން ކަމަށާއި ޕީޕީއެމަކީ ނަމޫނާ ޕާޓީއަކަށް ވާންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި އެމްޑީއޭގެ ކާމީޔާބީތައް ފާހަގަކޮށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއް ވެސް ވާން ޖެހޭނީ ރައްޔިތުންނަށް މަގު ދައްކާ ސިޔާސީ ޕާޓީއަކަށް ކަމަށާއި އެއީ ސިޔާސީ ފިކުރެއް ކަމަށެވެ.

"ސިޔާސީ ޕާޓީއަކީ މަދަރުސާއެއް އަދި ފަލްސަފާއެއް، އަދި އެކަން އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދައްކަން، އަޅުގަނޑުމެން ވާން އެބަޖެހޭ ނަމޫނާ ޕާޓީއަކަށް، ޕީޕީއެމް ވާން ޖެހޭ އެބަޖެހޭ ނަމޫނާ ޕާޓީއަކަށް،" ރައީސް މައުމޫން ވިދާޅުވިއެވެ. " އެއްވެސް ޕާޓީއަކީ ވެރިކަން ހޯދައިދިނުމަށްޓަކައި ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން އޮތް މުއައްސަސާއެއް ނޫން، އެކަން އެގޮތަށް ކުރުމަކީ ވަރަށް ދެރަ ކަމެއް،"

ރައީސް މައުމޫން ވިދާޅުވީ ވެރިކަން ހޯދުމުގެ މަސައްކަތަކީ މުޅިން ތަފާތު ކަމެއް ކަމަށާއި ޕާޓީއަކަށް ގައުމަށް ކަންތައް ކުރެވޭނީ  ވެރިކަން ހޯދައިގެން ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންގެ ހަމައެކަނި މަގްސަދަކީ ވެރިކަން ހޯދުން ކަމަށް ހަދައިގެން އެކި އެކި ހަމަނުޖެހުންތައް އުފައްދާ، އެކިއެކި ކަންތައްތައް ކުރުމަކީ އެއްގޮތަކަށް ވެސް ސިޔާސީ ޕާޓީއަކުން ކުރަން ވާނެ، ކަމެއް ނޫން،"  

އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކަމަށާއި ހުރިހާ ޕާޓީއަކުން ވެސް ރައްޔިތުންނަށްޓަކައި މަސައްކަތްކޮށްދީ އެ މަސައްކަތުގައި ގާއިމުވެ ތިބެންޖެހޭ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އަމާޒަކަށް އަބަދުވެސް ވާންޖެހޭނީ އިސްލާމް ދީނާއި ދިވެހި ގައުމު ކަމަށާއި އިސްލާމް ދީނާއި ގައުމު ހިމާޔަތްކޮށް ދިވެހި ގައުމަށް ބޭނުންވާ ކުރިއެރުންތައް ހޯދައިދިނުން ކަމަށެވެ.