ދުނިޔެ

ގަތަރު މީހުން އުމްރާ ކުރިޔަ ނުދޭ ވާހަކައަކީ ދޮގެއް: ސައުދީ

Jun 13, 2017
1

ސައުދީ އަރަބިއްޔާއިން ގަތަރާ ގުޅުން ކަނޑައިލި ފަހުން ގަތަރު މީހުން އުމްރާއަށް ދިއުން ވެސް މަނާ ކޮށްފަައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަ އަކީ ދޮގެއް ކަަމަށް ދެ ހަރަމްފުޅު ބަލަހައްޓާ އިދާރާއިން ބުނެފި އެވެ.

މައްކާގައިވާ މަސްޖިދުލް ޙަރާމާއި މަދީނާގައިވާ މަސްޖިދުއް ނަބަވީގެ ކަަންތައްތައް ބަލަހައްޓާ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަތަރު ހިމެނޭ ގޮތުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ދާ ހައްޖާޖީންނަށް ވެސް ހިދުމަތްތައް ފޯރުކޮށްދޭން ސައުދީ ލީޑަޝިޕުން އިރުޝާދުދީފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ރަމަޟާން މަހުގެ ނުވަ ވަނަ ދުވަހުގެ ފަހުން މިހާތަނަށް ގަތަރުގެ 1633 މީހަކު ސައުދީއަށް ދަތުރުކޮށް އުމްރާގެ އަޅުކަން އަދާކޮށްފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އަރަބް ނިއުސް އިން ބުނީ އެ ބަޔާން ނެރުނީ ގަތަރު މީހުން ހައްޖަށާއި އުމްރާއަށް ދިއުން ވެސް ސައުދީ ސަރުކާރުން މަނާކޮށްގެން އުޅޭ ކަމަށް ބުނެހަބަރުތައް ފަތުރާލެއް ގިނަވެގެން ކަމަށެވެ.

ސަރަހައްދީ ސިޔާސީ މައްސަލަ ގަނޑެއްގައި ސައުުދީ އަރަބިއްޔާއި އާއި ބަހުރައިނާއި ޔޫއޭއީ އިން ގަތަރާއި ގުޅުން ކަނޑައިލީ މިހިނގާ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުއެވެ.