ދުނިޔެ

ގަތަރު ހައްޖުވެރިންނަށް ހުރަސްއަޅާ ކަމުގެ ތުހުމަތުތައް ދޮގުކޮށްފި

Aug 2, 2018

ދޯހާ (އޯގަސްޓް 1) - މިއަހަރު ހައްޖުވާން ބޭނުންވާ ގަތަރު ރައްޔިތުންނަށް ހުރަސްއަޅަމުން އަންނަ ކަމުގެ ތުހުމަތުތައް އެ ގައުމުގެ ސަރުކާރުން ދޮގުކޮށްފި އެވެ.

ދީނީ ހަރުކަށި ވިސްނުމަށް ހިތްވަރުދޭކަމަށް ބުނެ، ސައުދީގެ އިތުރުން، ޔޫއޭއީ، ބަހުރެއިން އަދި މިސުރުން ގަތަރާއި ހާރިޖީ އަދި ދަތުރުފަތުރު ކުރުމުގެ ގުޅުން ކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެ ނުތަނަވަސްކަމާއި ގުޅިގެން، މައްކާއަށް ދިއުމަށް ގަތަރު ރައްޔިތުންނަށް ހުރަސްއަޅަމުންދާ ކަމުގެ ތުހުމަތުތައް އެ ގައުމުގެ ރެލިޖަސް މިނިސްޓްރީން ވަނީ އިއްޔެ ދޮގުކޮށްފަ އެވެ.

ހައްޖުގެ މަތިވަރިއަޅުކަން ސިޔާސީ ފައިދާއަށް ބޭނުންކުރާތީ ގަތަރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ސައުދީގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން، ގަތަރުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ އިތުރަށް ބުނެފަ އެވެ.

ނަމަވެސް، އޯގަސްޓް 19 ގައި ހައްޖު މޫސުން ފެށޭއިރު، މިހާތަނަށް ގަތަރުގެ އެއްވެސް މީހަކު މައްކާއަށް އެތެރެވެފައި ނުވާ ކަމަށް ސައުދީގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ހާރިޖީ އަދި ދަތުރުފަތުގެ ގުޅުން ކަނޑާލާފައި ވީނަމަވެސް، ގަތަރު ހައްޖުވެރިންނަށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހާއްސަ އިންތިޒާމެއް ވެސް ސައުދީ ސަރުކާރުން ވަނީ މިދިޔަ މަހު ހަމަޖައްސައިދީފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު ގާތްގަނޑަކަށް ދެ މިލިއަން ހައްޖުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.