ދުނިޔެ

ގަތަރު ހައްޖުވެރިންނަށް ހާއްސަ އިންތިޒާމެއް ސައުދީން ހަމަޖައްސައިދީފި

ރިޔާދު (ޖުލައި 1) - ގަތަރާއި ހާރިޖީ ގުޅުން ކަނޑާލާފައި ވީނަމަވެސް، ގަތަރު ހައްޖުވެރިންނަށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހާއްސަ އިންތިޒާމެއް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރު ހައްޖުވާން ބޭނުންވާ ގަތަރު މީހުންނަށް އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން ކުރެވުނު އެއްވެސް މުއާމަލާތަކަށް މިހާތަނަށް ގަތަރު ސަރުކާރުން ޖަވާބުދީފައިނުވާ ކަމުގަ އެވެ.

ގަތަރު ސަރުކާރުގެ އެއްވެސް އެއްބާރުލުމެއް ލިބިފައިނުވި ނަމަވެސް، ހައްޖުވާން ބޭނުންވާ ގަތަރު މީހުންގެ ހައްގުގައި، ސައުދީގެ ހައްޖު އަދި އުމްރާ މިނިސްޓްރީގައި ގާއިމު ކުރެވޭ ހާއްސަ ލިންކެއް މެދުވެރިކޮށް، ގަތަރު ހައްޖުވެރިން އަމިއްލައަށް އޮންލައިންކޮށް ހުށަހެޅޭގޮތަށް މި ހިނގާ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން ހުޅުވާލެވޭނެ ކަމަށް ވަނީ އެ ބަޔާނުގައި އިއުލާނުކޮށްފަ އެވެ.

މިގޮތުން، ޓްރާންސްޕޯޓާއި ކެއުމާއި އަދި ހުރުންވެސް އެ ލިންކު މެދުވެރިކޮށް ހަމަޖެއްސޭނެ ކަމުގައިވެސް އެ ބަޔާނުގައިވެ އެވެ. ގަތަރު ހައްޖުވެރިންނަށް ގަތަރު އެއާވޭސް ފިޔަވާ އެހެން ކޮންމެ އެއާލައިނަކުން، ސައުދީއަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ދީނީ ހަރުކަށި ވިސްނުމަށް ހިތްވަރުދޭކަމަށް ބުނެ، ސައުދީގެ އިތުރުން، ޔޫއޭއީ، ބަހުރެއިން އަދި މިސުރުން ގަތަރާއި ހާރިޖީ އަދި ދަތުރުފަތުރު ކުރުމުގެ ގުޅުން ކަނޑާލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އަންނަ އޯގަސްޓް މަހު ހައްޖު މޫސުން ފެށޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު ގާތްގަނޑަކަށް ދެ މިލިއަން ހައްޖުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.