ވިޔަފާރި

އުރީދޫ ހިއްސާ އެކަށައެޅުމުގެ މަސައްކަތް ފަށައިފި

Jun 16, 2017

އުރީދޫ ހިއްސާ ވިއްކުމުގެ މަސައްކަތް މިދިޔަ މަހު 29 ގެ ނިޔަލަށް ނިމުމާއެކު، ހިއްސާ އެކަށައެޅުމުގެ މަސައްކަތް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީއާއެކު ފަށައިފި އެވެ.

ގަތަރަށް ނިސްބަތްވާ، އުރީދޫން ބުނީ 18 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ (ހިއްސާ ގަތުމުގެ މުއްދަތު ނިމޭތާ ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި) ނިޔަލަށް ހިއްސާ އެކަށައަޅައި އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށެވެ. އަދި ހިއްސާ ވިއްކުމަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެ އެވެ.

"އުރީދޫގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އުރީދޫގެ އައި.ޕީ.އޯ އަށް ލިބިފައިވާ އެއްބާރުލުމާއި ތަރުހީބުގެ ސަބަބުން، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހުޅުވާލެވުނު އައިޕީއޯ ތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓް ލިބިފައިވާ އައިޕީއޯކަން މި ފުރުޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އުރީދޫ އަށް އިންވެސްޓްކޮށް މިކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ހިއްސާއަކަށް ވެވަޑައިގަނެފައިވާ އައު ހިއްސާދާރުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ،" އުރީދޫން ބުނެފައިވެ އެވެ.

އުރީދޫން ފުރަތަމަ ވިއްކަން ނިންމާފައިވަނީ 59.1 މިލިއަން ހިއްސާ އެވެ. އަދި އެ އަދަދަށް ވިކިއްޖެނަމަ އެ ކުންފުންޏަށް 1.7 ބިލިއަން ރުފިޔާ ހޯދޭނެ އެވެ. މިގޮތުން އެ ކުންފުނިން ފުރަތަމަ ވިއްކަން ހުޅުވާލާފައިވަނީ 22 މިލިއަން ހިއްސާ އެވެ.

އެ ކުންފުނިން ހިއްސާއެއް ވިއްކީ 30ރ. އަށެވެ. އަދި އެންމެ މަދުވެގެން ހިއްސާ ގަނެވޭނެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ހިއްސާ އެވެ.

އުރީދޫގެ ހެޑް އޮފް ސޭލް ހުސެއިން ނިޔާޒު ސޭލްސް ހެޑް ހިޔާޒު ވިދާޅުވެފައިވާ ގޮތުގައި ހިއްސާ ގަތް މީހުންނަށް ފައިދާގެ ގޮތުގައި ފުރަތަމަ އަހަރު ވެސް 10 ޕަސެންޓް ލިބޭނެ ކަމަށެވެ.

"އަށް އަހަރު ތެރޭގައި ޝެއާ ޑަބަލް ވެގެންދާނެ. އެހެންވެ މިއީ މުހިންމު ކަމެއް. މިހާރު އަޅުގަނޑުމެން އަންދާޒާ ކުރަން 2021 ވަނަ އަހަރު 16 ޕަސެންޓަށް އަރާނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. ދެހާސް ހަ ވަނަ އަހަރު އުރީދޫން ފުރަތަމަ ފަހަރަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދޭން ފެށިއެވެ.
އުރީދޫ ގްރޫޕުން ފަލަސްތީނާއި އޮމާން އަދި އަލްޖީރިއާ އާއި ޓިއުނީޝިޔާ އަދި އިރާގާއި އަލްޖީރިއާ އަދި އިންޑޮނޭޝިޔާގައި ހިދުމަތް ދޭއިރު، އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 138 މިލިއަނަށް އަރަ އެވެ. އަދި އުރީދޫ ގްރޫޕުގެ ރައުސުލްމާލުގެ އަގު 3.1 ބިލިއަން ޑޮލަރަށްވުރެ މައްޗެކެވެ.