ދުނިޔެ

މޮރޮކޯގައި ބަހެއް އެކްސިޑެންޓުވެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެއްޖެ

Apr 11, 2015

މޮރޮކޯގައި ކުޅިވަރު މުބާރާތެއްގައި ބައިވެރިވި ކުޑަކުދިންތަކެއް ދަތުރުކުރި ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެއްޖެ އެވެ. މަރުވި މީހުންގެ އަދަދު 31 އަށް އަރާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް މޮރޮކޯގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ހެނދުނު މި އެކްސިޑެންޓް ހިނގީ ބަހާއި ޓްރަކް ކުރިމަތިން ޖެހި، ބަހުގެ އަލިފާން ރޯވެގެންނެވެ. އެކްސިޑެންޓުވި ޓްރަކްގައި ހުރީ ހައިޑްރޯކާބަން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެތައް ބަޔަކު މަރުވުމުގެ އިތުރުން ނުވަ މީހަކަށް މި އެކްސިޑެންޓުގައި ވަނީ ސީރިއަސް ޒަހަމްތައް ލިބިފަ އެވެ.

މޮރޮކޯގެ ނޫސްތަކުން ބުނާ ގޮތުގައި ބަހުގައި ގިނައިން ތިބީ އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ. އެ ކުދިން ދަތުރުކުރީ މުބާރާތެއްގައި ބައިވެރިވުމަށް ފަހު ކޯޗުންނާ އެކުގައި ކަމަށްވެ އެވެ.

މަރުވި މީހުންގެ އަދަދު 40 އަށް އަރާނެ ކަމަށް ވެސް މީޑިއާ ބައެއް ރިޕޯޓްތައް ބުނެ އެވެ.

މަގުމަތީގެ އެކްސިޑެންޓްތައް މޮރޮކޯގައި ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ 15 އަހަރު ތެރޭ ވަނީ އެކްސިޑެންޓްތަކުގެ އަދަދު ދެ ގުނަ އިތުރުވެފަ އެވެ. މިހާރު ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 10 މީހަކު އެކްސިޑެންޓްތަކުގައި މަރުވެ އެވެ.