ބިޓް ގޮވައިގެން ހަވީރު ދަޅާގައި ތުނޑިމައްޗަށް ގޮސް ނުވަތަ ރޭގަނޑު ދަންވަރު މީހުން ނިދާ ހިމޭންވުމުން އެގޭ ފުޅަށް ބުޑުގައި އިނދެގެން ހަނދާއި ތަރިތައްވެސް އަންހެން ކުއްޖާ ބޭނުންނަމަ ގެނެސްދޭނެ ކަމުގެ ވައުދުތައް ވީ ޒަމާނެއް ވެސް ދިޔަ އެވެ. މިހާރު އައިފޯނާއި މޭކަޕް ސެޓުތައް ދީގެން އަންހެން ކުދިންގެ ހިތްތައް ފަތަހަ ކުރި ނަމަވެސް އޮތީ އެއް ވާހަކަ އެކެވެ. އަންހެން ކުދިންގެ ހިތްއަތުލައި އެމީހުން އުފާކޮށްދެވޭނެ އެންމެ މޮޅު އުކުޅަކީ ހަދިޔާ ގެނެސްދިނުމޭ އެވެ.
ގިނަ މީހުން މިކަމާ އެއްބަސްވާއިރު ސައިންސްގެ ދިރާސާތައް ކުރާ މީހުން ވެސް އެކަމާ ދެކޮޅެއް ނަހަދަ އެވެ. އެއީ ސައިންޓިފިކަލީ ގަބޫލުކުރާވެސް އުސޫލެކެވެ. އެހެން ކަމުން ހަދިޔާ ދީ ވީހާވެސް "ނައިސް" ކޮށް ކަންތައް ކުރަން ފިރިހެނުން ސަމާލުކަން ދެ އެވެ. ހާއްސަކޮށް ރައްޓެހިވެގެން އުޅޭ ދުވަސްވަރުގަ އެވެ. ނަމަވެސް ބައެއް ފަހަރު ކިތަންމެ ނައިސް ކޮށް ކަމެއް ކޮށްދިނަސް އަންހެންކުދިން ހިތްހަމަ ނުޖެހިދާނެ އެވެ.
މިސާލަކަށް ޑޭޓު ކުރާ އަންހެން ކުއްޖާ އަކީވެސް އެހެން ގިނަ އަންހެން ކުދިން ފަދައިން ގަހަނާ އަށް ލޯބިކުރާ ކުއްޖެކެވެ. އެހެންވީމަ ހަދިޔާއެއް ދޭން ވިސްނާ ހިސާބުން އެންމެ ފުރަތަމަ ބޮލަށް އަންނާނީ ކޮންމެވެސް ކަހަލަ ފަށެއް ކަހަލަ އެއްޗެއް ގަނެދޭށެވެ.
ދާގޮތަށް ފިހާރައަށް ވަދެ އެތަނުން ރީތި އެއްޗެއް ގަނެގެން އައިސް ނުދޭށެވެ. ފަހަރުގައި އެއީ އޭނަ ބޭނުންކުރާ ކަހަލަ އެއްޗަކަށް ނުވެދާނެ އެވެ. އެހިސާބުން ކަންތައް އެ ގޯސްވީ އެވެ. އެ ކުއްޖާގެ ކަންތަކަށް ސަމާލުކަން ނުދީ ރީތިވުމަށް އޭނަ ބޭނުންކުރާ އެއްޗެއްސަށް ސަމާލުކަން ނުދޭ މައްސަލަ އުފެދިގެން އަންނާނެ އެވެ.
އަބަދު އަބަދު ހަދިޔާ ދިނުމަކީ ބައެއް ފިރިހެނުންނަށް ހެދޭ ގޯހެކެވެ. ފަށެއް، ސެންޓުފުޅިއެއް ނުވަތަ ހެދުމެއް ކަހަލަ އެއްޗެއް އަބަދު ދެންޏާ އަންހެން ކުއްޖާ އަށް އިހުސާސްކުރެވޭ ގޮތް ތަފާތު ވެދާނެ އެވެ. މިސާލަކަށް އޭނަ ލާ ހެދުންތައް ހަޑިއޭ ހީވެދާނެ އެވެ. އަދި އޭނަ ބޭނުންކުރާ ސެންޓުން ނުބައި ވަސް ދުވަނީ އޭ ހިތަށް އަރާފާނެ އެވެ. ނޫނީ އަންހެން ކުއްޖާގެ ގޮތުގައި އޭނަ ބަލައިގަންނަން ފިިރިހެން ކުއްޖާ ބޭނުންނުވެ ބަދަލު ކުރުވަން މަސައްކަތް ކުރަނީ އޭވެސް ހީވެދާނެ އެވެ. ނުވަތަ ފިރިހެން ކުއްޖާއަށް ފައިސާ ލިބޭ ވަރަށް އަންހެންކުއްޖާއަށް ފައިސާ ނުލިބޭކަން އިހުސާސް ކުރެވި ދެރަވާ ކަހަލަ އިހުސާސެއް ކުރެވިދާނެ އެވެ. އެކަހަލަ ފިރިހެނުން ދެކެ އަންހެނުން އެހާ ގަޔައެއް ނުވެ އެވެ.
އޮފީހުގައި ނުވަތަ ކްލާހުގައި ޖެހޭ މައްސަލަތައްވެސް އަންހެން ކުދިން ވަރަށް ގިނައިން ލޯބިވެރިޔާ އާ ހިއްސާކުރެ އެވެ. އެ ވާހަކަތައް ހިއްސާ ކުރަނީ ކޮންމެހެން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދިއެއް ނޫނެވެ. ނަމަނަމަ އެކަހަލަ އެއްޗެއް ނުބުނައްޗެވެ. އަންހެން ކުދިން ދައްކާ ވާހަކަ އަޑުއެހުމަށްވުރެ ފަސޭހައިން އެމީހުންގެ ހިތް އަތުލެވޭނެ ގޮތެއް ނޯންނަ ކަމަށްވެ އެވެ.
އެއްވެސް ވަރަކަށް އޭނައަށް ފާރަލާން ނުވިސްނައްޗެވެ. އެކަން ފަޅާ އަރާ ދުވަހަކީ ދެ މީހުންގެ ގުޅުން ނިންމާލަން ޖެހޭ ދުވަހެވެ. އިތުބާރު ކުރަންވާނެ އެވެ.