ދުނިޔެ

ހިސާރު ނައްތައި ނުލަނީސް ވާހަކައެއް ނުދައްކާނަން: ގަތަރު

Jun 20, 2017

އަވަށްޓެރި ގައުމުތަކުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތައި ނުލަނީސް ގަލްފު ގައުމުތަކާއި އެ ގައުމާ ދެމެދު އުފެދިފައިވާ ޑިޕްލޮމެޓިކް މައްސަލަ ހައްލުކުރަން ވާހަކަ ނުދަައްކާނެ ކަމަށް ގަތަރުން ބުނެފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު މުޙައްމަދު ބިން ޢަބުދުއް ރަޙުމާން އައް ސާނީ ހޯމަ ދުވަހު ވިދާޅުވީ މަޝްވަރާތައް ފެށުމަށް ފުރަތަމަ ހިސާރު ނައްތައިލަން ޖެހޭ ކަމަށެވެ.

"މަޝްވަރާތައް ފެށުމަށް އެމީހުން ފުރަތަމަ ހިސާރު ނައްތައިލަން ޖެހޭ. ހިސާރު ނައްތައިލުމަކީ ކުރިއަށް ދިއުމަށްޓަކައި އެއްވެސް ކަމެއް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޝަރުތެއް. އެކަން އެގޮތަށް ކުރަން އުޅޭ ތަނެއް އަހަރެމެންނަކަަށް މިހައިތަނަކަށް ނުފެނޭ،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ގަތަރު އެކަހެރިކޮށްލަން އުޅޭ ގައުމުތަކުން އެގައުމުތަކުގެ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަންވަރު ގަރްގާޝް ވިދާޅުވުމުންނެވެ.

"ގަތަރަށް ވިސްނޭނެ މިއީ އާ ހާލަތެއް ކަން. އަދި އެކަހެރިކަން އަހަރުތަކަކަށް ދެމިގެން ހިނގައިދާނެކަން،" ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގަރްގާޝް ވިދާޅުވިއެވެ.

އަރަބި ގައުމުތަކުން އެކަހެރިކޮށްލާފައިވާ ގަތަރާ ދެކޮޅަށް އެގައުމު ތަކުން ފިޔަވަޅުތައް ވަރުގަދަކޮށް، އެގައުމާ ގުޅުވާލާފައިވާ ޓެރަރިޒަމްގެ ކަޅު ލިސްޓެއް ވަނީ އާއްމުކޮށްފައެވެ. ސައުދީ އަރަބިއްޔާ އިސްވެ އޮވެ ނެރުނު އެ ލިސްޓްގައި ޖުމްލަ 59 މީހަކު ހިމެނޭ އިރު ގަތަރުގެ 18 މީހަކު އެ ލިސްޓްގައި ހިމެނެއެވެ. ލިސްޓްގައި ހިމެނޭ ޝާހީ ބޭފުޅަކީ އެގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ޢަބުދުﷲ ބިން ޚާލިދު އަލް ސާނީ އެވެ.

ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ އެންމެ ކުޑަ ވަރަށް މުއްސަނދި ގައުމެކެވެ. އެ ގައުމުގައި 2.7 މިލިޔަން މީހުން އުޅޭ އިރު އެގައުމުގެ އަސްލު ވަޒަންވެރިންގެ އަދަދަކީ 300000 އެވެ. އެގައުމުން އަންނަނީ 2020 ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންނެވެ.