ލައިފްސްޓައިލް

ޑޭޓު ކުރާއިރު ހިތް ހަލާކުވޭތަ؟ އެއީ ހިޔާލީ ދުނިޔެ ހޯދާތީ!

Jun 21, 2017
2

ހިތް އެދޭ ކަހަލަ މީހަކާ ދިމާވެ ފޯނު ނަމްބަރު ބަދަލުކޮށް އޭނަ އާ ކޮންމެ ދުވަހަކު ވާހަކަ ދައްކާ އިރު އެ ކުރެވޭ އިހުސާސް ތަކަކީ އަންހެން ކުދިން އެންމެ ގަޔާވާ އެއް އިހުސާސެވެ. ދުވަސްވީ ގުޅުންތަކުގައި ވެސް އެ އަސަރު ހުންނަން އަންހެން ކުދިން ބޭނުންވަނީ އެހެންވެ އެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން ވާހަކަ ދައްކާއިރު އެ އުފެދޭ ގުޅުން ވަރަށް ހާއްސަވެ އެވެ.

އެމީހާގެ ވާހަކަ ރައްޓެހިންގެ ގާތުގައި އަބަދު އަބަދު ދެއްކެނީ އެހެންވެ އެވެ. އަދި އެމީހާ އަކީ އެ އަންހެން ކުއްޖާގެ "މިސްޓަ ރައިޓް" ކަމަށްވެސް ނިންމަ އެވެ. އެހެން ނަމަވެސް ގިނަ ދުވަސްވެ ކަންތައްތަކަށް ބަދަލު އަންނަން ފެށުމުން ފިރިހެން ކުދިން ގިނަ ފަހަރަށް ދުރުވެ އެވެ. މަޑުމަޑުން ދުރުވަމުން ގޮސް އެއްކޮށް ގެއްލެ އެވެ.

އަންހެނުންނާއި ފިިރިހެނުން މި ގުޅުން ކުރިއަށް ގެންދަން ބޭނުންވާ ގޮތް ތަފާތެވެ. އެއީ ތޮބީއީ ކަމެކެވެ. ފިރިހެނުން އާންމުކޮށް ލަސްލަހުން ކަންތައްތައް ކުރިއަށް ގެންދަން ބޭނުންވާއިރު އަންހެނުން ހުރިހާ ކަމެއްގެ ހުރިހާ ތަފްސީލެއް ބޭނުންވެ އެވެ. އަދި ރިލޭޝަންޝިޕް އަށް އަވަހަށް ދާން ބޭނުންވަނީވެސް އަންހެނުންނެވެ.

ބައެއް ފަހަރު ވާ ގޮތެކެވެ. ޑޭޓު ކުރަން ފަށާ ހިސާބުން މާ އަވަަހަށް އަންހެން ކުދިން ސީރިއަސް ވަނީ އެވެ. އަދި އެއީ އޭނާގެ ލޯބިވެރިޔާ ކަމަށް ނިންމަ އެވެ. އަދި ހުރިހާ ކަމެއް އޭނާގެ ހިޔާލީ ދުނިޔޭގައި ކުރަހާފައިވާ ގޮތަށް ކުރިއަށް ގެންދަން ބޭނުންވެ އެވެ. ހިޔާލީ ދުނިޔެ އާއި ހަގީގީ ދުނިޔޭގެ ތަފާތު ގަބޫލުކުރަން ބޭނުންނުވެ ބޭނުންވާ ގޮތަށް ގުޅުން ކުރިއަށް ނުދާން ފެށުމުން މައްސަލަ ޖެހެން ފަށަނީ އެވެ. ހައްލުކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ނުވަނީ އެވެ. އެކަމުގެ ސަބަބުން އަންހެން ކުއްޖާ ދޫކޮށްލުމަށްފަހު އެންމެ ފަހުން ފިރިހެން ކުއްޖާ ދަނީ އެވެ. ހަގީގަތެއް ނެތް ކަމެއްގެ ސަބަބުން އަންހެން ކުއްޖާގެ ހިތް ހަލާކުވަނީ އެވެ.

އެހެން ވީމަ ޑޭޓު ކުރަން ފަށާ ހިސާބުން ވެޑިން ޕްލޭން ކުރުން ހުއްޓާލާށެވެ. އޭގެ ބަދަލުގައި ދެ ވަނަ ޑޭޓަކަށް ތައްޔާރުވެ ލަސްލަހުން ކަންތައްތައް ކުރިއަށް ގެންދަން ވިސްނާށެވެ.

ޑޭޓު ކުރަން ފަށައިގެން އުޅޭއިރު މާގިނައިން މި ސުވާލު ނުކުރާށެވެ. އަހަރުމެން މިހާރު މިތިބީ ކިހާ ހިސާބެއްގައި ހެއްޔެވެ؟ މި ގުޅުން މިހާރު މިދަނީ ކޮން މިސްރާބަކަށް ހެއްޔެވެ؟ ފިރިހެން ކުދިން ބައެއް ފަހަރު ބިރުން ފިލަން ދުއްވައިގަނެފާނެ އެވެ. އެނގެ އެވެ. ބޭކާރު ވަގުތުތަކެއް ހޭދަކޮށް ހިތް ހަލާކުކޮށްލަން އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އެކަމަކު މާ އަވަސް އަރުވާލައިގެން އުޅުންވެސް ރަނގަޅެއް ނޫނެވެ. އެއީ ފިރިހެނުން އާ ލޯބިވެރިޔަކާއެކު ރަސްމީކޮށް ގުޅުމެއް ފަށަން ބޭނުންވާނީ ކުރީގެ ލޯބިވެރިޔާގެ މަތިން އެއްކޮށް ހަނދާން ނައްތާލައިގެން ކަމަށްވީމަ އެވެ.

މި ދުވަސްވަރު ޝަކުވާ ކުުރުންވެސް އެހާ ރަނގަޅެއް ނޫނެވެ. ފޯނަށް ޖަވާބު ނުދިނުމާއި މެސެޖްތަކަށް ރިޕްލައި ނުކުރިއަސް ޝަކުވާ ނުކުރާށެވެ. އަދި އެންމެ ހާއްސަކޮށް އޭނަ އުޅޭ ގޮތަށް ފާޑު ނުކިޔައްޗެވެ. އަދި އެއީ ލޯބިވެރިޔާއެއް ނޫނެވެ. އަމިއްލަ ހައްގަކަށް ވީމަ ނޫނީ ހިންހަމަ ނުޖެހުނަސް ޝަކުވާ ނުކުރައްޗެވެ. ޝަކުވާ ކުރުމަކީ މައިނަސް ޕޮއިންޓެކެވެ.