ކުޅިވަރު

ގްރީނަށް ވުރެ ވެލެންސިއާ ކޮލިޓީ: ސޮބާ

Jun 24, 2017

މިރޭ، ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނަ، ވެލެންސިއާގެ ޓީމު، ކުޅުންތެރިން، ގްރީންގެ ކުޅުންތެރިންނަށްވުރެ ކޮލިޓީ ކަމަށާއި، ވެލެންސިއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށް ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ބުނެފި އެވެ.

ސޮބާ، ބުނީ، ވެލެންސިއާގެ ކުޅުންތެރިންނާއި، ކޯޗުންނަށް އޭނާގެ ފުރިހަމަ އިހްތިރާމް އެބަ އޮތް ކަމަށާއި، ޓާގެޓަކީ މެޗުގައި މަދުވެގެން ޕޮއިންޓެއް ހޯދުން ކަމަށެވެ. ފުރަތަމަ ބުރުގައި، ގްރީންއާ، ވެލެންސިއާ ކުޅުނު މެޗު، ނިމުނީ އެއްވަރު ވެގެންނެވެ. ސޮބާ ބުނީ، މިރޭގެ މެޗުގައި ދެޓީމަށްވެސް އޮތީ 50 ޕަސަންޓްގެ ފުރުސަތެއް ކަމަށެވެ.

"ފަސޭހަ އެއް ނުވާނެ ވެލެންސިއާ މެޗެއް، ބަލި ނުވެ ޕޮއިންޓަކުންވެސް ފަރުޖައްސާ ލެވެން އެބައޮތް މިވަގުތަށް ބަލާއިރު، ބަލިވެއްޖެއްޔާ އެދަނީ އެއް ފިޔަވަޅު ފަހަތަށް، މޮޅެއް ވެއްޖެއްޔާ އެއީ އިތުރަށް ލިބޭ ބޯނަހެއް،" ސޮބާ ބުންޏެވެ.

ގްރީންއިން ގައުމީ ޓީމުގައި، ހިމެނުނީ ސްޓައިކަރު އަހްމަދު ރަޝީދު (އަންމަޑޭ) އާއި ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. ސޮބާ ބުނީ، ސީޒަން ފަށައިގެންވެސް އަންމަޑޭ ރަނގަޅަށް ކުޅުނު ކަމަށާއި އޭރު ގައުމީ ޓީމު ފުރުސަތު ނުލިބެންވީ ސަބަބާ މެދު ސުވާލު އުފެދޭ ކަަމަށެވެ.

"އަޅުގަނޑުމެން ކުޅުނު އިރުވެސް ބަލާ، އެވަގުތު ސީޒަންގައި ޕާފޯމް ކުރާ ކުޅުންތެރިންނަށް ކުރީގަ ކުޅެފަ ހުރި ބޮޑު ނަމަކަށް ނޫން ކަން ނޭންގެ ބަލާނީކީ ނެޝަނަލް ޓީމުން ފުރުސަތު ދޭއިރު، އެވަގުތު ޕާފޯމް ކުރާ ކުޅުންތެރިންނަށް ކަންނޭންގެ ބަލަން ޖެހޭނީ ފުރުސަތު ދިނުމުގައި،" ގައުމީ ޓީމާއެކުވެސް ކާމިޔާބު ހޯދި ކުރީގެ ޑިފެންޑަރު ބުންޏެވެ.

ވެލެންސިއާގެ ހެޑް ކޯޗް، އަހްމަދު މުޖުތޮބާ (ފެސްކޯ) ބުނީ ގިނަ ދުވަސްތަކަކަށްފަހު، ވެލެންސިއާ ޓްރެއިނިން ކުރިއަށް ގެންދަން، ޓެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑ ިނާ) އެނބުރި އައުމުން ޓީމަށް ކުރިއެރުން އަތުވެއްޖެ ކަމަށާއި ކުޅުންތެރިންގެ މޯޓިވޭޝަން ވެސް އިތުރު ވެގެން ހިނގައްޖެ ކަމަށެވެ.

ވެލެންސިއާ މިހާރު ގަދަ ހަތަރެއްގެ ޖާގަ ލިބޭކަށް ނެތެވެ. ފެސްކޯ ބުނީ މިހާރު އެންމެ ބޮޑު ޓާގެޓަކީ، މާލޭ ލީގްގައި ދެވޭ އެންމެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށެވެ.

އަދި ބައެއް ހެޔޮ އެދޭ ފަރާތްކާއެކު ތީމުގައި ހުރި ގިނަކަންކަން ރަނގަޅު ވެގެން ހިނގައްޖެ ކަމަށް ފެސްކޯ ބުންޏެވެ. ހެޔޮ އެދޭ ފަރާތްކުން ފަހި ކޮށްދިނީ ކުޅުންތެރިންނަށް ދޭ މުސާރައިގެ ކަންތައްތޯ ސުވާލު ކުރުމުން ފެސްކޯ ބުނީ އެއީ ޓެކްނިކަލް ގޮތުން ލިބުނު އެހީތެރިކަން ކަމަށެވެ. ވެލެންސިއާ އާއި ގްރީން ބައްދަލު ކުރާ މެޗު ފަށާނީ މިރޭ 10:00 ޖަހާއިރު އެވެ.