ލައިފްސްޓައިލް

ނުހިކިގެން ތިއުޅެނީ ނިދި ހަމަނުވާތީ!

Jun 26, 2017
2

އަލަތު ދަރިފުޅު ލިބުނު ހިސާބުން ފެށިގެން މުޅި ދިރިއުޅުން ބަދަލުވީ އެވެ. ނުވަ މަސް ވަންދެން ބަނޑުގައި އޮތުމަށްފަހު ދަރިފުޅު ދުނިޔެއަށް ނޭވާ ލިއިރު އަމިއްލަ ހަށިގަނޑު ހުރީ އެތައް ގުނައެއް ސައިޒުން ބޮޑުވެފަ އެވެ. ކިތަންމެ ފަލަވިޔަސް ހެވެ. ސިއްހަތު ރަނގަޅު ދަރިއަކު ލިބުމުން ހުރިހާ ޝަކުވާ އެއް ފިލައިގެން ހިނގައްޖެ އެވެ.

ނަމަވެސް ދަރިފުޅަށް ތިން އަހަރު ވީ އިރުވެސް ހަށިގަނޑަށް އައި ބަދަލަކީ ކުރިއަށް ވުރެ ފަލަވުމެވެ. ބަލިވެ އިނުމުގެ ކުރިން ހުރި ހަށިގަނޑަށް އަނބުރާ ރުޖޫއަ ނުވެވުމުން ކަންނޭނގެ އެވެ. މަޑުމަޑުން ދުރުވަމުން ގޮސް ފިރިމީހާ މިހާރު ހުރީ ކިރިޔާ އަތްޖެހޭ ނުޖެހޭ ހިސާބުގަ އެވެ. ގެއްލެން އުޅޭހެންވެސް ހީވެ އެވެ. އަމިއްލަ ހަށިގަނޑާއި ދޭތެރޭ ވިސްނާލަން ވަގުތެއްވީ ވެސް އެހެންވެ އެވެ.

ޑައިޓު ކުރަން ފަށައިފި އެވެ. އެއްވެސް ބަދަލެއް ނާދެ އެވެ. ރަނގަޅު ކާނާ އާ ކަސްރަތުން އެކަނި އެކަމެއް ނުވާނެ އެވެ. މިއިން ދުވަހަކު ހަމަ ނިދި ނިދާލެވުނު ހެއްޔެވެ؟ ދަރިފުޅު ވިހައިގެން ގެއަށް އައި ހިސާބުން ނިދުމުގެ ޕެޓާންވެސް އޮތީ އެއްކޮށް ބަދަލުވެފަ އެވެ. ހަމަޖެހިގެން އަށް ގަޑިިއިރުގެ އަރާމު ނިންޖެއް ލިބުނު ހަނދާނެއްވެސް ނެތެވެ.

ދަންވަރަށް ހޭލައިގެން ކުޑަ ދަރިފުޅު ނިދި ފިލުވާލައިގެން އުޅެ ފަތިސް ވާ ފަހުން ނޫނީ ލޯމަރާ ނުލަ އެވެ. އެހެން ކަމުން މުޅި ރޭގެ ނިދި ގާތްގަނޑަކަށް ގެއްލުނެވެ. ދުވާލު ދަރިފުޅު ނިދި ނަމަވެސް ވަޒީފާއަށް ދާތީ ނުވަތަ ގޭތެރޭގެ މަސައްކަތްތައް ހުންނަ ގޮތުން ހަމަޖެހިލައިގެން ނިދާ ނުލެވެ އެވެ. ގަޑިއެއް ހާއިރު ނުވަތަ ދެ ގަޑިއިރެއް ހާއިރަށް ނިދާލައިގެން ފަރުޖައްސާލަން ޖެހޭ ދުވަސް ވެސް ދެ އެވެ. އެކަމަކު ކޮންމެވެސް ގޮތަކުން ނިިދި ހަމަކުރަންވާނެ އެވެ.

އެންމެ ފުރަތަމަ ވިހައިގެން އައި ހިސާބުންވެސް ލުއިކާނާ އާއި ފެޓް ހުންނަ ކާނާ އާ ދުރުވެ ޑައިޓް ފެށި ނަމަވެސް ހަމަ ނިދި ނުލިބޭނަމަ ނުހިކޭނެ އެވެ. ޑައިޓަކުން ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. ކެއުމުގައި މޭވާ އާއު ތަރުކާރީ ވީހާވެސް ބޮޑަށް ހިމަނަންވާނެ އެވެ. އަދި ގިނައިން ފެންވެސް ބޯން ވާނެ އެވެ.

މިހާރު ނުނިދެނީ ފިރިމީހާ ގެއްލެން އުޅެނީ އޭ ހިތަށް އަރާވަރުން ސްޓްރެސް ވެގެންނެވެ. ސްޓްރެސް ވުމަކީވެސް ނިންޖާ ދުރުކޮށްދޭ ކަމެކެވެ. ސްޓްރެސް ހޯމޯން އަކީ ވަރަށް އަަވަހަށް ހަށިގަނޑުގެ ބަރުދަން އިތުރު ކޮށްލާނެ އެއްޗެކެވެ. އަދި މިއީ ދަންވަރަށް ކާ ހިތް ޖައްސާނެ ހޯމޯންތަކެއް ކަމަށްވެސް ވެއެވެ. ސްޓްރެސް ކުޑަކުރަން ބޭރަށް ނުކުމެލާ ހަދަންވެސް ވާނެ އެވެ. ރައްޓެހިންނާ އާއިލާ އާ އެކީގައި ހިތްފަސޭހަ ވަގުތުތަކެއް ހޭދަ ކުރުމަކީ ސްޓްރެސް ކުޑަވާނެ ކަމެކެވެ.