އެ ދެ މީހުން ރައްޓެހިވެގެން ފަސް އަހަރު އުޅުނެވެ. ޖެހުނު ކޮންމެ މައްސަލައެއްވެސް ހައްލު ކުރި އެވެ. އެކަކު އަނެކަކު ދެކެ ކިތަންމެހާވެސް ލޯބިވާ ލޯބީގެ ނަމޫނާއެއް ދެއްކި ދެ މީހުންނެވެ. ކައިވެނީގެ ވާހަކަ ދައްކާ ދެ މީހުންގެ މުސްތަގުބަލް ރޭވި އެވެ. ހޯދާނެ ކުދިންގެ އަދަދާއި އެކުދިންނަށް ކިޔާނެ ނަންތައްވެސް ހޯދި އެވެ. އެހެން ނަމަވެސް ކުއްލިއަކަށް ދެ މީހުން ވަކިވީ އެވެ. އެދެވޭ ސަބަބެއް ނުދެއްކި އެވެ.
އެ ދެ މީހުންނަށް ނަމެއް ކިއްޔާ ތަންކޮޅެއް ފަސޭހަ ވާނެ އެވެ. ހުސެން އާ ރާނިޔާ އެވެ. ހުސެން އުޅެނީ ވަޒީފާގަ އެވެ. ރަނގަޅު މުސާރައެއް ލިބެ އެވެ. ހަރުދަނާ އެވެ. ބަލައިލަން ރީއްޗެވެ. އަންހެން ކުދިން އެންމެ ބޭނުންވާ ހުރިހާ ސިފައެއް އެބަހުއްޓެވެ. ރާނިޔާވެސް އެންމެ ފުރަތަމަ ހުސެން އަށް ހިތް ދީލާލައިގެން ދިޔައީ އެހެންވެ އެވެ. އެތައް ދުވަހެއް ވަންދެން ލޯބިން އުޅުނީވެސް އެހެންވެ އެވެ. އެކަމަކު ދެ މީހުން ވަކިވާން ޖެހުނީ ފަހަރެއްގައި އެއްވެސް ސަބަބެއް އޮވެގެނެއް ނޫނޭ މީހުން ބުނެފާނެ އެވެ. އެކަމަކު ގިނަ އަންހެން ކުދިންނަށް އެއީ މުހިންމު ކަމެކެވެ.
"ހުސެން ބުނީ ކައިވެނި ކޮށްގެން ހެޕީކޮށް އުޅެވިދާނޭ. އެކަމަކު ހުސެން އަކަށް ވެޑިން ޕާޓީއެއް ބާއްވައެއް ނުދެވޭނޭ. އެވަރަކަށް ފައިސާއެއް ނެތޭ. އެއީ ވަރަށް ބޮޑު ހަރަދެކޭ. އޭރު އަހަރުމެން ކައިވެނިކޮށްގެން އުޅޭނެ އެޕާޓްމަންޓެއްވެސް ހޯދައިފި. ބޭނުންވާ އެހެން ހުރިހާ އެއްޗެއްވެސް ހަމަކުރި. އެކަމަކު ހުސެން ޕާޓީ ބާއްވައެއް ނުދެވޭނެ ބުނީމަ މައްސަލައަކަށްވީ. އަހަރެން އަބަދުވެސް ބޭނުންވޭ ބޮޑު ވެޑިން ޑްރެސް އެއް ލާފަ ބީޗްގައި ވެޑިން އެއް ބާއްވަން. އެވަރު ނުކޮށްދެވޭ މީހަކަށް ކައިވެންޏަށް ފަހު ހެޕީ ލައިފެއް ހޯދައި ނުދެވޭނެ ކަމަށް އަހަރެން މި ބަލަނީ،" ފަސް އަހަރު ވީ ގުޅުން ނިންމާލަން ޖެހުނު ހިސާބު ރާނިޔާ ބުނެދިނީ އެގޮތަށެވެ.
ހަގީގަތުގައިވެސް އެވަރު ނުކޮށްދެވޭ ފިރިހެނަކަށް ކައިވެންޏަށް ފަހު އުފާވެރި ދިރިއުޅުމެއް އަނބިމީހާ އަށް ހޯދައިދެވިދާނެ ހެއްޔެވެ؟ ކައިވެނީގެ އުފާވެރިކަން ދެނެގަންނަނީ ކައިވެނި ޕާޓީގެ ފެންވަރަށް ބަލައިގެން ހެއްޔެވެ؟ މިކަމާ ބެހޭގޮތުން ދާދިފަހުން އެމެރިކާގައި ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ. އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި ވީހާވެސް ހަރަދު ކުޑަ ކައިވެނި ޕާޓީއެއް ބާއްވާ މީހުންގެ ދިރިއުޅުން އުފާވެރި ކަމަށެވެ. އަދި ބޮޑު ހަރަދުކޮށްގެން ޕާޓީ ބާއްވައިގެން ކުރާ ކައިވެނިތައް އުފާވެރި ނޫންވެފައި ވަރިއާ ހިސާބަށް ދާ ކަމަށެވެ.
ގަބޫލުކުރަންޖެހޭ ކަމަކީ ކައިވެނީގެ އުފާވެރިކަން ދެނެގަނެވޭނީ ކައިވެނި ޕާޓީއިން ނޫން ކަމެވެ. ކައިވެނި ކުރަނީ ހަމައެކަނި ޕާޓީއެއް ބާއްވަން ބޭނުންވެެގެން ކަމަށް ވާނަމަ އެހިސާބުން އެކައިވެނި އެއޮތީ ފޭލް ވެފަ އެވެ. ދިރިއުޅުމަށް ބޭނުންވަނީ ރަނގަޅު އިހުލާސްތެރި ފިރި އެކެވެ. އެހެން ނަމަވެސް ތަނަވަސްކަން ހުރި މިންވަރަކުން ގާތް މީހުންނަށް ސައެއް ނުވަތަ ކެއުމެއް ދިނުމަކީ ސުންނަތެކެވެ.