ހަބަރު

ލާއިންސާނީ އަނިޔާކޮށްގެން 34 މައްސަލައެއް ހުށަހެޅި: އެޗްއާރްސީއެމް

މިދިޔަ އަހަރު ތެރޭގައި ލާއިންސާނީ އަނިޔާކުރި ކަމަށް ބުނެ 34 މައްސަލައެއް ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވަސް (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެއްވެސް ފަރާތަކަށް ރަހުމު ކުޑަ ލާއިންސާނީ އަމަލެއް ހިނގައިގެން ނުވާނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭގައި އެފަދަ 34 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާ ކުރުމާއި ބަންދުކޮށްފައި ހުރި މަރުކަޒުގައި އަނިޔާ ކުރުން ފަދަ މައްސަލަތައް ކަމަށެވެ.

އެހެންކަމުން މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފަައިވޭތޯ ބެލުމަށް އެޗްއާރްސީއެމް އިން އެ މަރުކަޒުތަކަށް ގޮސް ބަލާ ރަނގަޅު ކުރުމަށް ފާހަގަ ކުރެވޭ ކަންކަން ރަނގަޅު ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެ ކަންކަން ރަނގަޅު ކުރަމުންދޭތޯ ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ 2004 ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާގެ ދަށުން އދ. ގެ ކޮމިޓީ އަގެއިންސްޓް ޓޯޗާ އަށް ދައުލަތުން ހުށަހަޅަން ޖެހޭ ރިޕޯޓު ވީހާވެސް އަވަހަކަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އދ. ގެ ކަމާ ގުޅުން ހުރި ކޮމިޓީތަކުން ރަނގަޅު ކުރުމަށް އަނގާފައިވާ ކަންކަން ތަންފީޒު ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.