ފެލިދޫ

އިދާރާތަކުގެ އެންގުމަށް ފެލިދޫ ކައުންސިލްގެ ނިންމުން ބަދަލުކޮށްފި

ވ. ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް އެ ރަށު ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމި ނިންމުމަށް ބަދަލު ގެނެސްފި އެވެ.

ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިން، ފިރިން އަދި ދަނިންނަށް އެ ރަށު ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް އެ ރަށު ކައުންސިލުން ނިންމީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާގަ އެވެ.

އެ ރަށު ކައުންސިިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ 29 ވަނަ ޖަލްސާއިން ނިންމި ނިންމުން މުރާޖައާކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް ހިދުމަތްދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފައިސާ ނުދައްކާ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މީހުންގެ ނަންތައް އިއުލާނުކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް ފެލިދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިން، ފިރިން އަދި ދަރިންނަށްވެސް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިނުމަށް އެ ރަށު ކައުންސިލުން ނިންމުމުން އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީން ބަލަން ފެށި އެވެ.

މީގެ އިތުރުން ފެލިދޫ ކައުންސިލްގެ އެ ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އެންގި އެވެ.