އެޗްއާރްސީއެމް

ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލުކުރަން އަންގައިފި

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިމުމަށް އެ ރަށު ކައުންސިލުން ނިންމި ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފި އެވެ.

ފެލިދޫ ކައުންސިލުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ ފައިސާ ނުދައްކާ މީހުންނާއި، އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމުން ބުނީ ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނު އަސާސީއާ ތަޢާރުޒުނުވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ދީމިގުރާތީ މުޖްތަމައުއެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައިނުވާ ކަމަށެވެ.

ފެލިދޫ ކައުންސިލުން ފާސްކޮށްފައިވާ ކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބަޔާންކުރާ ކަންކަމަކީ ގާނޫނު އަސާސީއާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލަށް ގާނޫނީ ހަމަތަކުގެމަތިން ލިބިފައިވާ ބާރެއް ނޫން ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.

ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ހިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމަވާފައިވާ ނިންމުމާމެދު ކަންބޮޑުވުންފާޅުކޮށް އެޗްއާރްސީއެމުން ވަނީ އެ ކައުންސިލުގެ ނިންމުން ބާތިލުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން އެ ރަށު ކައުންސިލަށް އަންގާފަ އެވެ.

އެޗްއާރްސީއެމުން ބުނީ ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯއްދަވަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އަންގާފައިވާ ކަމަށެވެ.

ފެލިދޫ ކައުންސިލުގެ މި ނިންމުމާ ގުޅިގެން އެ މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ދަނީ ބަލަމުންނެވެ.