އެލްޖީއޭ

ފެލިދޫ ކައުންސިލްގެ މައްސަލަ ބަލަން ފަށައިފި

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މައްސަލަ ބަލަން ފަށައިފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ފެލީދޫ ކައުންސިލްގެ މައްސަލަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާ އެކު މައްސަލަ ބަލަމުންދާ ކަމަށެވެ. އެހެންވެ މައްސަލަ ބަލަމުންދާތީ މިވަގުތު އިތުރު ތަފްސީލް ހިއްސާކުރުމަށް އޭނާ ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ފެލިދޫ ކައުންސިލުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ ފައިސާ ނުދައްކާ މީހުންނާއި، އެމީހުންގެ އަނބިން، ފިރިން އަދި ދަރިންނަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް ހިދުމަތެއް ނުދިނުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށްވެސް އިއުލާންގައިވެ އެެވެ.

ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުން ފައިސާ ދެއްކުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ފަހުން ފައިސާ ނުދައްކާ މީހުންގެ ލިސްޓް ކޮންމެ މަހަކު އާއްމުކޮށް އިޢުލާންކުރަމުން ގެންދިއުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.